އެޗްޑީސީ

ހުޅުމާލޭން ވިއްކާ 60 ބިން މާލޭ މީހުންނަށް ހާއްސަކޮށްފި

Jan 1, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައެޅި 60 ބިން ހަމައެކަނި މާލެ މީހުންނަށް ވިއްކާ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

އެޗްޑީސީން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެންމެ ފުރަތަމަ ކުރި އިއުލާންގައި މި ބިންތައް ވިއްކަން ހުޅުވާލީ ދިވެއްސެއް ނަމަ ކޮންމެ މީހަކަށްވެސް ބިން ގަނެވޭ ގޮތަށެވެ.

އެކަމަކު ބީލަމުގެ އުސޫލުން ވިއްކަން ނިންމާފައިވާ ބިންތައް ހަމައެކަނި މާލޭގައި ރަޖިސްޓްރީ އޮތް މީހުންނަށް ގަނެވޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީން މިހާރު ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.

ބިން ގަތުމަށް ޝަރުތު ހަމަވާ މީހުން:

  • މާލޭ ސަރަހައްދުން ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން
  • މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެކަކަށް ވުރެ ގިނަ މީހުންގެ ނަމަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން
  • ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ނިންމާފައިވާ 60 ބިން ހަމައެކަނި މާލޭ މީހުންނަށް ގަނެވޭ ގޮތަށް އުސޫލު ބަދަލުކުރި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ 60 ބިމެވެ. އަދި އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ބިންތައް ވިއްކަން ނިންމާފައިވަނީ ހުޅުމާލޭގެ އަތިރިމަތީ "ބީޗް ފްރޮންޓު" ސަރަހައްދުންނާއި އަދި އަތިރިމަތި ކައިރިން "ބީޗު ސައިޑު" އިންނެވެ. މީގެ ތެރެއިން "ބީޗް ފްރޮންޓު" ސަރަހައްދަށް ބީލަށް ފޯމް އަންނަ ފެބްރުއަރީ ހައެއްގެ ކުރިން ހުށަހަޅަން ޖެހޭއިރު "ބީޗު ސައިޑު" އަށް ބީލަން ފޯމް ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 16އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ބީޗު ފްރޮންޓުން ވިއްކާ 26 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،900 ރުފިޔާ އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގުވެސް 6.2 މިލިއަން ރުފިޔާ ޖެހެ އެވެ. ބީޗު ސައިޑުން ވިއްކާ 34 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،500 ރުފިޔާ އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގުވެސް 5.6 މިލިއަން ރުފިޔާ ޖެހެ އެވެ.

މީގެ ކުރިންވެސް ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ފުރަތަމަ ފިޔަވަހިން ގޯތި ވިއްކާފައި ވެއެވެ. އެންމެ ފަހުން ގޯތި ވިއްކީ 2017 ވަަނަ އަަހަރު އެވެ.