ވިޔަފާރި

ހަތަރުވަނަ ކޮންޒިއުމާ ފެއާ ހުޅުވައިފި

ހަތަރުވަނަ މޯލްޑިވްސް ކޮންޒިއުމާ ފެއާ ހުޅުވައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދާ މި ފެއާ ހުޅުއްވައިދެއްވީ، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގެވެ.

ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ މިދުވަސްވަރަކީ ރާއްޖޭގެ އެކިކަންކޮޅުތަކުން މާލެއަށް ވިޔަފާރިވެރިންނާއި އާންމުން ޒިޔާރަތްކުރަމުންދާ ދުވަސްކޮޅެއް ކަމަށާއި މިފަދަ ފެއާއަކުން މި ދުވަސްކޮޅު ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށެވެ.

"ވިޔަފާރިވެރިންނާއި ގަންނަ ފަރާތް ގުޅުވައިދިނުމަށް މިފަދަ ފެއާއެއް ވަރަށް މުހިންމު، އަދި ހަމައެހެންމެ މިއީ ރާއްޖޭގައި ވިޔަފާރިވެރިން ތަރައްގީކޮށް، ވިޔަފާރިތައް ކުރިއަރުވައި، އުފެއްދުންތައް އިތުރުކުރުމަށް ގިނަ ގުނަ ބަދަލުތަކެއް ގެންނަމުންދާ ދުވަސްވެރެއް،" ތައުފީގު ވިދާޅުވިއެވެ.

ބްލަކް ޕްރައިވެޓް ލިމިޓެޑްގެ އިންތިޒާމްކުރާ މި ފެއާއަކީ ރާއްޖޭގައި ވިޔަފާރިކުރާ ހޯލްސޭލާސް، ރީޓެއިލާސް، ސަޕްލަޔާސް އަދި އެކި ބާވަތްތައް އުފައްދާ މެނުފެކްޗާސްއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފެއާއެކެވެ.

ޖުމްލަ 19 ސްޓޯލެއް ހިމެނޭ، މި ފެއާގައި ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިތަކުން ވިއްކާ ތަކެތީގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބައެއް ތަކެތީގެ އަޖުމަ ބަލާލުމުގެ ފުރުސަތު ވެސް މި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ.

ފެއާ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ހުޅުވާފައިވާއިރު މި ފެއާ މިރޭގެ 11 ޖަހަންދެން ހުޅުވާފައި ހުންނާނެ އެެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު، މެންދުރުފަހު 2:00 އިން ރޭގަނޑު 11:00 އަށް ފެއާ ހުޅުވާފަ ހުންނާނެ އެެވެ.