ލައިފްސްޓައިލް

އެކްސިޑެންޓްވީ ކާރެއް ތެރޭ ތާށިވެފައި ފަސް ދުވަސް

އެމެރިކާގެ ވޮޝިންޓަންގައި ދިރިއުޅޭ 68 އަހަރުގެ އަންހެނަކު ދުއްވި ކާރެއް މަގުގެ އެއްފަރާތުން ކަހާލައިގެން ގޮސް ވަޅުގަނޑަކަށް ވެއްޓުމުގެ ސަބަބަން ކާރު ތެރޭގައި ތާށިވެފައި ފަސް ދުވަހު އޮތް ފަހުން ސަލާމަތް ކޮށްފި އެވެ.

ރިޓަޔަ ކޮށްފައިވާ ނަރުސް، ލީނެލް މެކްފާލެންޑްގެ ކާރު ބިންގަނޑު ކަނޑައިގެން ގޮސްފައިވާ އުސް ތަނަކުން ތިރީގައި އޮތް ކޯރަށް ނުވެއްޓި އޮތީ ދެ ގަހެއްގެ ދޭތެރޭ ތާށިވެފައި އޮތީމަ އެވެ.

އޭނާގެ ކާރު މި ވަޅުގަނޑަށް ވެއްޓުނީ ތިމާގެ މީހެއްގެ ޖަނާޒާގައި ބައިވެރިވުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައި އައިސްގަޑެއްގައި ޖެހި ކަހާލައިގެން ގޮހެވެ. އޭނާގެ ކާރު ވެއްޓުނީ ހައިވޭ އާ 30 ވަރަކަށް މީޓަރު ދުރުންނެވެ.

އެ މަގުން ދަތުރުކުރި އެއްވެސް މީހަކަށް ވެސް ކާރު ވެއްޓެނިކޮށް ފެނިފައި ނުވާތީ އޭނާގެ ކާރު ވެއްޓުނު ކަމެއް އެކަކަށް ވެސް ނޭނގެ އެވެ.

މި އެކްސިޑެންޓްގައި ލީނެލްގެ އެއް އަތާއި އެއް ކަކުލުގައި ރެނދުލާފައި ހުރުމުން އޭނާއަށް އެ ގުނަވަންތައް ހަރަކާތެއް ނުކުރެވެ އެވެ. ނަމަވެސް ވަރަށް ހާލުން ސީޓު ބެލްޓް ނައްޓާފައި ނުކުންނަން އުޅެނިކޮށް ކާރުގެ ފަހަތު ސީޓަށް އޭނާ ވެއްޓުނީ އެވެ. ކާރު ވެއްޓި ޖެހުނު ގޮތުން ކާރުގެ ދޮރުތައް ހުރީ ވަރަށް ބޮޑަށް ތާށިވެފައި ކަމުން ލީނެލް އަށް އޭގެން ނުކުމެވޭނެ ގޮތެއް ނެތި ތާށިވީ އެވެ.

ކާރު ވެއްޓިފައި ތާށިވެފައި އިނީ ކޮޅަށް ކަހަލަ ގޮތަކަށް ކަމަށް ވުމުންނާއި އަތާއި ފައި ބިންދައިގެން ގޮސްފައި އޮތުމުން ކުރީ ސީޓުގައި އޮތް ފޯނާއި ފެންފުޅިއާއި އެނޫންވެސް ތަކެތި ނަގަން ލީނެލް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވި ކަމަށް އޭނާ ފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ފަހަތު ސީޓުން އޭނާ އަތުޖެހުނު ޕްލާސްޓިކް ކޮތަޅެއް ބޭރަށް ދިއްކޮށްގެން ވާރޭ ވެހޭ ވަގުތު އެ ކޮތަޅަށް އެޅޭ ފެންފޮދު ބޯލައިގެން އެ ފަސް ދުވަހު ލީނެލް އޮތެވެ. އެވަރުން ވެސް ސަލާމަތްވާނެ ކަމުގެ އުއްމީދު އޭނާ ކަނޑައެއް ނުލަ އެވެ. ކޮންމެވެސް މީހަކަށް އޭނާގެ ކާރު ފެނޭތޯ ދުއާ ކޮށްލަކޮށްލާ އޮތީ ކަމަށް ލީނެލް ބުންޏެވެ.

ލީނެލްގެ ޚަބަރެއް ނުވެ މާގިނަ އިރު ވުމުން އޭނާ ހޯދުމުގެ މަސައްކަތް ފެށީ އޭނާގެ ދަރިފުޅު އަމަންޑާ މެކްފާލެންޑް އެވެ.

ވޮލަންޓިއަރުން ތަކަކާއެކު މަންމަ ހޯދުމުގެ މަސައްކަތް އަމަންޑާ ފަށައިގެން ހޯދަމުން ދަނިކޮށް އެންމެ ފަހުން ފެނުނީ އެކްސިޑެންޓްވީތާ ފަސް ދުވަސް ފަހުން ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ކުރޫ އަކަށެވެ.

ފަޔާއި އަތް ބިންދައިގެން ދިއުމުގެ އިތުރުން އެ ސަރަހައްދަކީ އިންތިހާއަށް ފިނި ހިސާބަކަށް ވާތީ ފިނީގެ ނޭދެވޭ އަސަރުވެސް ވަރަށް ބޮޑަށް އޭރު ލީނެލް އަށް ކޮށްފައި ވެއެވެ. ނަސީބަކުން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ލީނެލް ވަނީ ގެއަށް ދޫކޮށްލާފަ އެވެ.