އެމްޑަބްލިއުއެސްސީ

އެޗްއެސްބީސީން އެމްޑަބްލިއުއެސްސީއަށް ލޯނެއް ދޫކޮށްފި

Jan 2, 2022

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހޮންގްކޮންގް ޝެންހާއީ ބޭންކިން ކޯޕަރޭޝަން ލިމިޓެޑް (އެޗްއެސްބީސީ މޯލްޑިވްސް) އިން ފެން ކުންފުންޏަށް ލޯނެއް ދޫކޮށްފި އެވެ.

އެޗްއެސްބީސީ އިން އެމްޑަބްލިއުއެސްސީ އަށް ފައިސާ ދޫކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވާ 20 ރަށެއްގެ ފެނާ ނަރުދަމާގެ މަސައްކަތް ކުރުމަށެވެ.

އެޗްއެސްބީސީން ފެން ކުންފުންޏަށް، ކޮންސްޓްރަކްޝަން އަދި އިންޖީނިއަރިންގެ މަސައްކަތްތައް ކުރުމަށް ލޯން ފެސިލިޓީގެ ދަށުން ދޫކޮށްފައިވަނީ 154 މިލިއަން ރުފިޔާ އެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމުކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ހިންގާ މަޝްރޫއުތަކެއް ކަމަށެވެ.

އެޗްއެސްބީސީގެ ކަންޓްރީ މެނޭޖަރު ޑިލްޝަން ޕެރޭރާ ވިދާޅުވީ މި މަޝްރޫ އަކީ ރާއްޖެއަށް މުހިއްމު މަޝްރޫއެއް ކަމަށާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން މަސައްކަތް ކުރަން ފުރުސަތު ލިބުމުން އުފާކުރައްވާ ކަމަށެވެ. ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި އެޗްއެސްބީސީން ރާއްޖެ އަށް ތަފާތު ގޮތްގޮތަށް އެހީވަމުން އަންނަ ކަމަށްވެސް ވިދާޅުވެފައިވެ އެެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ފެނާއި ނަރުދަމާ ގާއިމުނުކުރެވި އޮތް 23 ރަށުގެ މަސައްކަތް މިދިޔަ މަހުގެ 29 ވަނަ ދުވަހު ސަރުކާރުން ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.