ވިޔަފާރި

މާލެ އަތޮޅު ފަޅެއްގެ އޯނާޝިޕް ބަދަލުކޮށްފި

Jan 2, 2022
6

މާލެ އަތޮޅުން ރިސޯޓް ތަރައްގީ ކުރަން ދޫކޮށްފައިވާ އިތުރު ފަޅެއް އޯނަޝިޕް ބަދަލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ޖިއޮގްރެފިކަލް ކޯޑިނޭޓްސް I(4°0’24.28”N, 73°25’20.14”E) ފަޅުގެ އޯނަޝިޕް ބަދަލުވުމާ ގުޅިގެން އެކަން އާއްމުކޮށް އިއުލާނުކޮށްފަ އެވެ.

މިފަޅު އޮންނަނީ މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ އެންމެ ލަގްޒަރީ އެއް ރިސޯޓުގެ ކައިރީގަ އެވެ. ނަމަވެސް ފަޅު ވިއްކާލި ނުވަތަ އޯނަޝިޕް ބަދަލުކުރީ ކޮން ފަރާތަކަށް ކަމެއް ޓޫރިޒަމް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް އެ މިނިސްޓްރީން ކުއްޔަށްދޫކޮށްފައިވާ މާލެ އަތޮޅު ފަޅު ކުއްޔަށް ދިނުމާ ބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ފަޅާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާނަމަ މިނިސްޓްރީއަށް އެކަން އެންގުމަށް އެދޭ ކަމަށެވެ.

ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ނަމަ އެ މައުލޫމާތު ލިޔުމުން ހިއްސާކުރަން ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 14 ދުވަހެވެ.

ޓޫރިޒަމް ތަރައްގީކުރަން ގިނަ ފަޅުތަކެއް ދީފައިވާއިރު މިހާރުވެސް ނުހެދި 85 ޕްރޮޕަޓީއެއް އެބަހުއްޓެވެ. މީގެތެރޭގައި 25 ފަޅެއް ހިމެނެ އެވެ. ގިނައީ މާލެ އަތޮޅުން ދޫކޮށްފައިވާ ފަޅު ތަކެވެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރަން ފުރުސަތު ފަހިކުރުމުގެ ގޮތުން ބައެއް ފަޅުތައް ހިއްކުމުގެ ޕްލޭންތައް ސަރުކާރުން ވަނީ ކޮށްފަ އެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި ޖަހައިގެން ހަތަރު ފަޅެއް ހިއްކަން ޕްލޭންކޮށްފައިވެ އެވެ.