މޯލްޑިވްސް ޕޮލިސް ސާވިސް

ބައްޕަ ހަމަލާދިނުމުން ދަރިފުޅަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ

Jan 2, 2022

އަމިއްލަ ދަރިފުޅަށް ވަރަށް ބޮޑަށް އަނިޔާކުރި ބައްޕައެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި 21 އަހަރުގެ އަންހެނަކަށް ގެވެށި އަނިޔާކުުރުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް މިއަދު މެންދުރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެންނެވެ.

އަނިޔާވި މީހާ އަށް، ބައްޕަ ހަމަލާދިނީ ގޭތެރޭގައި ހިނގި ޒުވާބަކަށް ފަހު ކަމަށް އެނގިފައިވެ އެވެ. މި އަނިޔާއާއި ގުޅިގެން އަންހެން މީހާގެ މޭކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ބައްޕަ އާއި އަންހެން ދަރިފުޅު ދެބަސްވާން ދިމާވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.