ގެވެށި އަނިޔާ

ފުރަތަމަ ކުއާޓަރު: ގެވެށި އަނިޔާގެ 57 މައްސަލަ، އެއްވެސް ދައުވާއެއް ނުކުރޭ

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ 57 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް އެއްވެސް މައްސަލައެއްގެ ތަހުގީގު ނިންމާ ދައުވާކުރަން ފޮނުވާފައި ނުވާކަން ހާމަވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމުއްދަތުގެ ތެރޭގައި ގެވެށި އަނިޔާގެ 57 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އަދި މިފަދަ މައްސަަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް މައްސަލައްގެ ތަހުގީގު ނިންމުމަށްފަހު ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެއް ނުވެ އެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ފުލުހުންގެ އިދާރާއަށް 146 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ. މީގެތެރެއިން 57 މައްސަލަ ތަހުގީގުކުރަން ނިންމިއިރު 13 މައްސަލަ ވަނީ ފައިލްކޮށްފަ އެވެ.

ފުލުހުން ތަހުގީގުކުރަން ނިންމި މައްސަލަތަކުގެ ތެރޭގައި ހިމެނޭ 29 މައްސަލަ އަކީ އާއިލާގެ މީހުން ހިމެނޭ ގެވެށި އަނިޔާގެ މައްސަލަތަކެވެ. ބާކީ 28 މައްސަލައަކީ ކޮންމެވެސް ދެމަފިރިއަކާ ގުޅޭ ގެވެށި އަނިޔާގެ މައްސަލަ އެކެވެ.

ގެވެށި އަނިޔާގެ 32 މައްސަލަ މާލެ އިން ރިޕޯޓްކޮށްފައިވާއިރު އައްޑޫ ސިޓީން ދެ މައްސަލަ އަދި ފުވައްމުލަކުން އެއް މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ. ކުޅުދުއްފުށި ސިޓީން ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް ރިޕޯޓެއް ނުކުރެ އެވެ.

ފުލުހުންގެ އިދާރާއަށް މިއަހަރުގެ ފުރަތަމަ ހުށަހެޅުނު ޖިންސީ ކުށުގެ މައްސަލަތަކަށް ބަލާއިރު މިމުއްދަތުގައި 119 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ. މީގެތެރެއިން 69 މައްސަލަ ތަހުގީގުކުރަން ނިންމިއިރު ފަސް މައްސަލަ ފައިލްކޮށް އެއް މައްސަލަ ދައުވާކުރަން ފޮނުވާފައިވެ އެވެ. މިމުއްދަތުގެ ތެރޭގައި ޖިންސީ ކުށުގެ ތުހުމަތުގައި 22 މީހަކު ހައްޔަރުކޮށްފައިވެ އެވެ.