ގެވެށި އަނިޔާ

ގެވެށި އަނިޔާގެ ތުހުމަތު ޒަރީރު ދޮގު ކޮށްފި

Mar 19, 2022
1

އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ކުރީގެ އަނބިމީހާ ކުރާ ގެވެށި އަނިޔާގެ ތުހުމަތުތައް ޒަރީރު ދޮގު ކޮށްފި އެވެ.

ޒަރީރު ނެރުއްވި ބަޔާނުގައި އޭނާ ކުރީގެ އަނބިކަނބަލުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓާ ހަވާލާދީ ވިދާޅުވީ "ފޭސްބުކްގައި އައިމިނަތު ޝަޒްރާ ކިޔާ ފަރާތަކުން ލިޔެ ހާމަކޮށްފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަ" ތަކެއް ކަމަށެވެ.

"އެފަރާތުން މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވާ ކަންކަމަކީ ޣީރަތްތެރި ކަމުގެ ވިހައިގައި އުފަން ކުރުވާ މަސްނޫއީ ބުހުތާނެވެ،" ބަޔާނުގައިވެ އެވެ.

ޒަރީރަށް ގެވެށި އަނިޔާގެ ތުހުމަތު އަމާޒުވާން މެދުވެރިވި ސަބަބު ވެސް ޒަރީރުގެ ބަޔާނުގައި ވަނީ އޮޅުންފިލުއްވައި ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫގައި ޒަރީރުގެ ދަރިން ތިބުމަށް ކުއްޔަށް ހިފާފައިވާ ތަނުގައި މިދިޔަ ބުރާސްފަތި ދުވަހު ކުދިންގެ މަންމަ އާއި ދޮށީ އަންހެން ދަރިފުޅާ ދެމެދު ހިތްހަމަނުޖެހުން އުފެދި، ޒުވާބުކޮށް، ދަރިފުޅަށް އަނިޔާވާ ގޮތަށް ކުއްޖާގެ މަންމަ އަމަލު ކޮށްފައިވާ ކަމަށެވެ. ދަރިފުޅަށް އަނިޔާވުމާ އެކު ފުލުހުން އަދި ޖެންޑާ މިނިސްޓްރީން އެތަނަށް ގޮސް ދެފަރާތާ ވާހަކަ ދެއްކި ކަމަށާއި އޭގެފަހުން ޝަޒްރާގެ މިހާރުގެ ފިރިމީހާ އެގެއިން ނުކުމެގެން ގޮސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ޒަރީރު ވިދާޅުވި ގޮތުގައި ދަރިން ތިބުމަށް އޭނާ ކުއްޔަށް ހިފާފައި ހުރި ތަނުގައި ދޮން ބައްޕަ އެ ކުދިންނާއެކު އެ ތަނުގައި ކައިބޮއި ނިދާ ހަދާތީ އަންހެން ކުއްޖާ ދިޔައީ އެކަމާ ހިތްހަމަނުޖެހިގެން މަންމަ ކައިރީގައި ޝަކުވާ ކުރަމުންނެވެ.

"އެ އަޑު ނާހާ މަންމަ ދިޔައީ ދަރިފުޅާއި ދޮން ބައްޕަ އާއި ދެމެދު ގާތްގުޅުމެއް އުފެއްދުމަށް ދަރިފުޅަށް އެކި ގޮތް ގޮތުން ޓޯޗާ ކުރަމުންނެވެ. އަދި މިކަމާ ދަރިފުޅު ދެކޮޅު ހަދާތީ ދަރިފުޅަށް ދިޔައީ މަންމަގެ ފަރާތުން އަނިޔާތަކެއް ލިބެމުންނެވެ. އަދި އެންމެ ފަހުން މި ކަންކަމަށް ކެތްނުކުރެވިގެން މީގެ 10 ވަރަކަށް ދުވަހުގެ ކުރިން ދަރިފުޅު އަޅުގަނޑަށް ގުޅާފައި މިކަންކަން ހިއްސާކޮށްފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

މަންމަގެ ފަރާތުން ދަރިފުޅަށް މީގެކުރިންވެސް އެކިވަރުވަރުގެ އަނިޔާ ލިބިފައިވާ ކަމުގެ ތުހުމަތު ޒަރީރު ވެސް ކުރައްވަ އެވެ. ދަރިފުޅުގެ ވާހަކަތަކާ ގުޅިގެން ކުދިންގެ މަންމަ އަށް ގުޅައި އެންމެ ދޮށީ އަންހެން ދަރިފުޅު ހިތްހަމަނުޖެހުން އޮތުމާ އެކު ކުދިން ދިރިއުޅުމަށް ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓްގައި ފިރިމީހާ އާއި އެކު ނުނިދުމަށް އެދިފައިވާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ. އެޕާޓްމަންޓާއި އެތަނުގައި ތިބި ހުރިހާ ދަރިންނަށް ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރަނީ އޭނާ ކަމަށްވެސް ޒަރީރު ވިދާޅުވެ އެވެ.

"މިއަނިޔާތައް ފެށިފައިވަނީ ދޮންބައްޕަ އާއި އެކު ގާތް ގުޅުމެއް ބޭއްވުމަށް މަންމަ އެދެން ފެށުމާ އެކު އެކަމަށް އެންމެ ދޮށީ އަންހެން ދަރިފުޅު ދެކޮޅު ހެދި ހިސާބުން ފެށިގެންނެވެ. އަދި ދަރިފުޅުގެ އަތުން ދޮން ބައްޕަ އަށް ފެން ތަށި ބަހައްޓައިދޭ ގޮތުން ވެސް ހިތްހަމަނުޖެހިގެން އެކި ފަހަރު މަތިން މަންމަ އެ ކުއްޖާއަށް ޓޯޗާ ކޮށްފައިވާ ކަމަށް ކުއްޖާ ބުނެ އެވެ،" ޒަރީރުގެ ބަޔާނުގައިވެ އެވެ.

ޒަރީރު އިތުރަށް ވިދާޅުވީ ޝަޒުރާ ތުހުމަތުކޮށްފައިވާ ގޮތަށް ދުވަހަކު ވެސް އޭނާ އަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށެވެ. ޝަޒްރާގެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތި ދައްކާފައިވާ ދޮގު ވާހަކަތަކެއް ކަމަށްވެސް ޒަރީރު ވިދާޅުވި އެވެ.

"އަދި އެ ވާހަކަތައް ކުއްލިއަކަށް ދައްކަން ފެށީ 17 މާޗް 2020 ވަނަ ދުވަހު ދޮށީ އަންހެން ދަރިފުޅަށް ޓޯޗާ ކުރި ހާދިސާ އާއި ގުޅިގެން އެ އެޕާޓްމަންޓަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތަކުން ގޮސް އެ މައްސަލަ ތަހުގީގުކުރަން ފެށުމާ އެކު އަޅުގަނޑު އަގު ވައްޓާލ އަބުރު ކަތިލުމުގެ ނުބައި ނިޔަތުގަ އެވެ،" ތުހުމަތުތަަކަށް ރައްދު ދެއްވަމުން ޒަރީރު ވިދާޅުވެފައިވެ އެވެ.