ހަބަރު

އަނބިމިހާއަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

Feb 8, 2020

އުތުރުގެ އަތޮޅެއްގައި އަނބިމީހާއަށް ހަމަލާދީ، މާރާމާރީ ހިންގި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި، ރޭގެ ވަގުތެއްގައި މާރާމާރީ ހިންގުމާ ގުޅިގެން، އެ އަންހެން މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް، އޭނާއަށް ލިބުނު ޒަހަމްތައް ސީރިއަސް ނޫން ކަމަށާއި، ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.

އަދި ބުނީ އެ މައްސަލައާ ގުޅިގެން 34 އަހަރުގެ އެ ފިރިހެންމީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.

އެ އަންހެންމީހާ ސިއްހީ މަރުކަޒަށް ގެންދިޔަ ވަގުތު އެ ރަށު ބައެއް މީހުން އެތަނަށް އެއްވިކަމަށް ފުލުހުން އިތުރަށް ބުންޏެވެ. ނަމަވެސް، އެއްވި މީހުނާ ފުލުހުން ވާހަކަ ދެއްކުމަށްފަހު ފޮނުވާލާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ގެވެށި އަނިޔާގެ އިތުރުން ޖިންސީ ގޯނާ މައްސަލަތައް ރާއްޖޭގައި އަދިވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން، ދާދިފަހުން ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރި މައްސަލަތަކެއް ފެންމަތިވެ، ސަރުކާރަށް ކުރިމަތިވި ޕްރެޝަރާއެކު، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.