ހަބަރު

ދޮން ބައްޕައެއްގެ ޖިންސީ ގޯނާގެ މައްސަލައެއް ބަލަނީ

ރާއްޖެގެ މެދު އަތޮޅެއްގެ ރަށެއްގައި ކުޑަ ދެ ކުއްޖަކަށް އެ ކުދިންގެ ދޮން ބައްޕަ ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތި ކުރުމުން ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުންގެ މިޑިއާ ގްރޫޕެއް މެދުވެރިކޮށް އާންމު ކުރި މެސެޖެއްގައި މިރޭ ބުނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން 55 އަހަރުގެ ދިވެހި ފިރިހެނަކު އޭނާ ދެ ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ބުނަނީ އަދި 18 އަހަރު ނުވާ ދެ ކުދިންނަށް ކަމަށެވެ.

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނެނީ، މާލެ އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅު އަދި ވ. އަތޮޅުގެ ރަށްތަކެވެ. ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގައި ރަށާއި ކުދިންގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އަދި ތުހުމަތަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ ކުއްޖަކަށް އޭނާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ދާދި ފަހުން ފެންމަތިވެ ރާއްޖެގެ މަސްރަހު ހޫނުވެގެން ގޮސްފައިވެ އެވެ. އެ މައްސަލައަށް ފަހުގައި މިފަދަ އިތުރު މައްސަލަތަކެއް ތިލަވެފައި ވެއެވެ.