ހަބަރު

13 އަހަރުގެ ކުއްޖާ އާއި ހަ ބެއިން ދައުލަތުގެ ބެލުމުގެ ދަށަށް

Dec 2, 2019
7

ޖިންސީ ޝިކާރައަކަށް ހެދި 13 އަހަރުގެ އަންހެން ކުއްޖާ އާއި އޭނާ ވިހޭ ދަރިފުޅުގެ އިތުރުން އެ އާއިލާގައި ހިމެނޭ އަނެއް ހަ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ކުއްޖާގެ މައްސަލަ ފެންމަތިވީ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ޒުވާބެއްގެ ތެރެއިން ވަޅި ހަރައި ކަނޑަށް އެއްލައިލި މައްސަލައިގެ ތެރެއިންނެވެ.

އެ ގޮތުން، 13 އަހަރުގެ އެ ކުއްޖާ އުޅެނީ، އެ މާރާމާރީގައި ޒަހަމްވި ރ. މަޑުއްވަރީ އިސްމާއީލް ހައްމާދާއެކު ކޯޓުން ބޭރުން ކައިވެނިކޮށްގެންކަން ވަނީ ހާމަވެފަ އެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލެއް ހިންގާފައިވާ މައްސަލައެއްގައި ރޭގެ ވަގުތެއްގައި ހައްމާދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި ހައްމާދުގެ ޑީއެންއޭއާއި 13 އަހަރުގެ ކުއްޖާ ވިހި ތުއްތު ކުއްޖާގެ ޑީއެންއޭއާ ދިމާވާ ކަމަށްވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ކުޑަކުދިން ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅެމުންދާ އާއިލާއަކުން ކުދިންތަކެއް އަސާސީ ހައްގުން މަހުރޫމްކޮށްފައިވާ މައްސަލައާއި އެ އާއިލާގެ ކުއްޖަކު ވިހާފައިވާ މައްސަލަ ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުން ދަނީ ބަލަމުންނެވެ.

އެ އާއިލާގައި ހިމެނޭ 13 އަހަރުގެ ކުއްޖާއާ ގަދަ ކަމުން ބަދުއަަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވެ ހައްމާދަކީ މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެ ހުކުމް ތަންފީޒުކޮށް ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ އާއިލާގައި އުޅޭ ހަ ކުދިން ބަލަނީ އެ ކުދިންގެ މަންމަ އެކަނި ކަމަށާއި އެ މައްސަލަ ފުލުހުން ކުރިން ވެސް ބަލަމުން ދިޔަ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.

ހައްމާދުގެ ކުރިންވެސް، މިހާރު އުމުރުން 13 އަހަރުގެ އެ ކުއްޖާ ކައިވެނިތަކެއް ކުރުވާފައިވާކަން ވަނީ އެނގިފަ އެވެ.

ފުލުހުން މިއަދު ބުނީ މިމައްސަލަ އާއި ގުޅިގެން އެއާއިލާގައި ހިމެނޭ ހަ ކުދިންނާއި އަދި އުމުރުން 13 އަހަރުގެ ކުއްޖާ ވިހޭދަރި ހިމެނޭގޮތަށް އެއާއިލާއަށް ނިސްބަތްވާ ހަތް ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އަދި އެކުދިންނާ މެދު އިހުމާލުވެފައިވާ މައްސަލަ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުންޏެވެ.