ބޮލީވުޑް

އަކްޝޭގެ "ޕްރިތުވިރާޖް" އާ ދެކޮޅަށް މުޒާހަރާ

ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑީއުސްކުރާ އަކްޝޭ ކުމާރާއި މާނޫޝީ ޗިލާގެ "ޕްރިތުވިރާޖް" އާ ދެކޮޅަށް އިންޑިޔާގެ އެކި ރަށްތަކުގެ ވަކި ވަކި ކޮމިއުނިޓީ ތަކުން ތެދުވަން ފަށައިފި އެވެ. އެންމެ ފުރަތަމަ މި ފިލްމާ ދެކޮޅަށް އަޑު އުފުލާފައި ވަނީ އަޖްމީރުގައި ދިރިއުޅޭ މީހުންނެވެ. އަދި ރާޖަސްތާނުގެ ގުރްޖަރް ކޮމިއުނިޓީން ވެސް މިހާރުވަނީ ފިލްމާ ދެކޮޅަށް މުޒާހަރާކޮށް ފިލްމު ބޮއިކޮޓްކުރާނެކަމުގެ އިންޒާރު ދޭން ފަށަފަ އެވެ.

ފިލްމާ ދެކޮޅު މީހުން ބުނަނީ "ޕްރިތުވީރާޖް" މި ފިލްމަށް ކިޔައިގެން ނުވާނެ ކަމަށާއި ނަން ބަދަލު ކުރުމުން ނޫނީ ފިލްމާ ދެކޮޅު ހެދުން ހުއްޓާ ނުލާނެ ކަމަށެވެ.

މި ފިލްމު 2020 ގައި އިއުލާން ކުރީއްސުރެ ފިލްމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަން ފަށާފައި ވެއެވެ. އަދި މިހާރު ފިލްމު ރިލީޒްކުރާ ދުވަސް ކައިރިވަމުން އަންނާތީ ފިލްމާ ދެކޮޅުމީހުންގެ އަޑުތައް އިތުރަށް ވަނީ ގަދަވެފަ އެވެ.

"ޕްރިތުވީރާޖް" އަކީ ކުރީ ޒަމާނުގައި އިންޑިޔާގައި އުޅުނު ރަސްކަލެއްގެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށްފައިވާ ފިލްމެކެވެ. ފިލްމުގައި އަކްޝޭ ކުޅެނީ ހިންދޫ ރަސްކަލެއް ކަމަށްވާ ޕްރިތުވީރާޖް ޗައުހާންގެ ރޯލެވެ.

ސަންޖޭ ދަތާއި އަޝޫތޯޝް ރާނާ އަދި ސޯނޫ ސޫދު ވެސް މި ފިލްމުގައި ވަރަށް މުހިއްމު ރޯލު ތަކެއް ކުޅެފައި ވެއެވެ. މިސް ވޯލްޑް 2017 މާނޫޝީ ބޮލީވުޑަށް ތައާރަފްވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޗަންދުރަޕްރަކާޝް ދިވޭދީ އެވެ.