އިސްލާމިކް މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަގްފް ފަންޑަށް ނަގުދު ފައިސާ ބަލައިގަން ގޮތަށް ހަމަޖައްސައިފި އެވެ.
ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކެވުމުގައި މިހާރު ބޭނުން ކުރަނީ ބަނޑޭރި ޕޯޓަލްއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ ގޮތަށް ނިންމީ ފަންޑުތަކަށް ނަގުދު ފައިސާއިން އެހީތެރިވެދޭން ބޭނުންވާ މީހުންނަށް އެކަން ފަހިކޮށްދިނުމުގެ ގޮތުންނެވެ. އެ ފުރުސަތު އޭޕްރީލް 30 ގެ ނިޔަލަށް އޮންނާނެ ކަމަށްވެސް ބުންޏެވެ.
އެ މުއްދަތުގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 9 އިން މެންދުރު 12 އަށް އިސްލާމިކް މިނިސްޓްރީގެ ރިސެޕްޝަނުން ނަގުދު ފައިސާ ބަލައިގަންނާނެ އެވެ.
މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަގްފް ފަންޑަށް ނަގުދު ފައިސާ ބަލައިގަން ގޮތަށް ހަމަޖެއްސި ނަމަވެސް ބަނޑޭރި ޕޯޓަލްއިންވެސް ފައިސާގެ އެހީ ވެދެވޭނެ އެވެ.