ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން މާޅެންދޫގައި މަސްކަނޑާ ތަނެއް ތަރައްގީކޮށްފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ނ. މާޅެންދޫގައި މަސްކަނޑާ ތަނެއް ތަރައްގީކޮށްފި އެވެ.

އެ މަސްކަނޑާ ތަން ތަރައްގީކޮށްފައިވަނީ ސޮސައިޓީ ފޯ ލީޑާސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ (އެސްއެލްއައިޑީ) ފަރާތުންނެވެ. އެތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ސާފު ރީތި ފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އެތަން ފަރުމާކޮށްފައިވާއިރު ތަކެތި ރައްކާކުރެވޭނެ ގުދަނެއްވެސް އެތަނުގައި ހަދާފައިވެ އެވެ.

މެސްކެނޑުމަށްފަހު އުކާލެވޭ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި ތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފަ އެވެ.

އެސްއެލްއައިޑީގެ އޮފިޝަލަކު ވިދާޅުވީ އެއީ މާޅެންދޫގެ މަސްވެރިންނަށާއި އެހެނިހެން ރަށްރަށުން އެ ރަށަށް އަންނަ މަސްވެރިންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރި މުހިއްމު މަސައްކަތެއް ކަމަށެވެ.

"މިހާތަނަށް މަސްކަނޑަމުން އައީ ޖެޓީ މަތީގައި. އަދި ވާރޭވެހުނަސް އަދި އަވިދިނަސް ހަމަ ޖެޓީ މަތީ ތިބެގެން މަސްކަނޑަން ޖެހެނީ. މި ގާއިމުކުރެވުނު މަސްކަނޑާތަނުގެ ސަބަބުން
ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މި ފުރުސަތުގައި މިފަދަ މުހިންމު ޕްރޮޖެކްޓަކަށް ބީއެމްއެލް އިން ދެއްވި މާލީ އެހީތެރިކަން ފާހަގަކޮށް އެ ބޭންކަށް ޝުކުރު ދަންނަވަން." އޮފިޝަލް ވިދާޅުވި އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސްކަނޑާ ތަން މާޅެންދޫ ރައްޔިތުން ބޭނުން ކުރަމުންދާ ކަމަށާއި އެތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއްވެސް ބާއްވާފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.