މަސްވެރިންނަށް މިފްކޯ އިން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަސްވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާއެއް ފިނޭންސް މިނިސްޓްރީން އިއްޔެ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރައީސް މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިންގެ ބެކްލޮގް ކްލިއާ ކުރެވިފައިވާ ކަމަށެވެ.
"މަސްވެރިން މިދިޔަ ހުކުރު ދުވަހާއި ހިސާބަށް ބޭނި ހުރިހާ މަހަށް ފައިސާ ދީ މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާ -- ޕީއެސްއެމްގެ 8:00ގެ ޚަބަރަށް ރޭ ދެއްވި އިންޓަވިއުއެއްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާއެއް ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ކަމަށެވެ.
މަސް ދޯނިތަކުގެ ވެރިންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓް ހުޅުވާފައިވާ އޮޑިވެރިންނަށް އާދިއްތަ ދުވަހުގެ ރޭ އާއި ހޯމަ ދުވަހު ފައިސާ ޖަމާވަމުންދާނެ ކަމަށާއި އެހެން ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާނަމަ ފައިސާ ޖަމާވުމަށް އިތުރު ވަގުތު ނަގާފާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މަސްވެެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން މަސްވެރިން މިދިޔަ މަހު މުޒާހަރާ ކުރުމުން ސަރުކާރުން ފުރަތަަމަ އެއްބަސްވީ މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ފައިސާއެއް ޖަމާކުރުމަށެވެ. އެ ތާރީހަށް ފައިސާ ޖަމާކުރެވޭ ގޮތް ނުވުމުން ސަރުކާރުން އޭގެފަހުން ވައުދުވީ ރޯދަ މަސް ފެށުމުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށެވެ.
މިނިސްޓަރު ޝިޔާމު މީގެކުރިން ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ކުރީ ސަރުކާރުން ނުދީ ހުރި ފައިސާއާ އެކު ޖުމްލަ 650 މިލިއަނެއްހާ ރުފިޔާ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު އަދިވެސް މަސްވެރިންނަށް ނުދީ 147 މިލިއަން ރުފިޔާ އެބައޮތް ކަމަށް އެ ދުވަހު ޝިޔާމު ވިދާޅުވި އެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިދިޔަ މަހުގެ 11 ވަނަ ދުވަހު ވަނީ މިފްކޯއަށް މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ދަށްކޮށްފަ އެވެ.