ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެކޯޑް ނަންބަރެއް، 242 މީހަކު ޕޮޒިޓިވް

ރާއްޖެއިން އިތުރު 242 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 96،294 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 97 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 78 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

ރިސޯޓްތަކުން 66 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 3،740 ސާމްޕަލް އެވެ.

ރާއްޖޭގެ ކޮވިޑް ނަންބަރު 96،000 ވުރެ މައްޗަށް ގޮސްފައިވާއިރު މިދިޔަ ދުވަސްތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް މި ފަހުން ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވެފައި ވަނިކޮށް މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރިސޯޓްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މިދިޔަ 8 ދުވަހުގެ ތެރޭގައި ރިސޯޓްތަކުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައެވެ. މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އޮޕަރޭޝަނަލް ރިސޯޓްތަކުން 80 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު 71 މީހަކު އަދި 29 ވަނަ ދުވަހު 60 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިދިޔަ 8 ދުވަހުގެ ރިސޯޓް ނަންބަރުތައް

  • ޖަނަވަރީ 2 - 80 މީހަކު ޕޮޒިޓިވް
  • ޖަނަވަރީ 1 - 66 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 31 - 51 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 30 - 27 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 29 - 60 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 28 - 71 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 27 - 50 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 26 - 42 މީހަކު ޕޮޒިޓިވް

ރިސޯޓްތަކުގެ ޕޮޒިޓިވް ނަންބަރު މައްޗަށް ދިޔަނަމަވެސް އެކަމުގެ ތަފްސީލެއް އެޗްޕީއޭ އިން އަދި ޓޫރިޒަމް މިނިސްޓްރީންވެސް ހާމައެއް ނުކުރެއެވެ. އަދި ޕޮޒިޓިވް މީހުން ތިބި ރިސޯޓްތަކުގެ ނަމާއި އަދަދެއްވެސް ހާމައެއް ނުކުރެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،609 މީހުންނެވެ. މިހާތަނަށް 93،410 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 12 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 262 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.