ލައިފްސްޓައިލް

ޗާޓެއް ކުރަހައި 33 އަހަރު ފަހުން އާއިލާ ހޯދައިފި

މީގެ 33 އަހަރު ކުރިން ބަޔަކު ކިޑްނެޕްކުރި ޗައިނާ ކުއްޖަކު އަމިއްލަ މަސައްކަތުން އާއިލާ ހޯދައި އަދި އާއިލާ އާ ބައްދަލު ކޮށްފި އެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި ގެއްލުނު މި ކުއްޖާއަށް އޭނާގެ އާއިލާ ހޯދަން 30 އަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރަން ޖެހުނެވެ. އެގޮތުން އެހާ ކުޑައިރުއްސުރެ ހަނދާނުގައި ހުރި އެއްޗިއްސާއި އިތުރަށް ހަނދާން ވަމުން ދިޔަ ތަންތަން އޭނާ ދިޔައީ ޗާޓެއް ގޮތަށް ކުރަހަމުންނެވެ.

ކުރިން ވަރަށް އުނދަގޫކޮށް އޮންނަ ގިނަ ކަންކަން ސޯޝަލް މީޑިއާގެ މި ޒަމާނުގައި ފަސޭހަވެފައިވާތީ މި ކުއްޖާ ވެސް ބޮޑުވެގެން އާއިލާ އާ ބައްދަލު ކުރެވޭގޮތް ވީ އެވެ.

މިހާރު އުމުރުން 37 އަހަރު ވެފައި ހުރި ލީ ޖިންގް ވީ ގެއްލުނީ އުމުރުން ހަތަރު އަހަރުގަ އެވެ. އޭރު އޭނާ ދިރިއުޅެމުން ދިޔައީ ޔުނާން ޕްރޮވިންސްގަ އެވެ. އޭނާ އާއިލާ ހޯދީ މީގެ 30 އަހަރު ކުރިން އޭނާގެ އަވަށް އޮތް ގޮތުގެ ޗާޓެއް ހަނދާންވާ ގޮތަށް ކުރަހައިގެންނެވެ.

ޖިންގްވީ އާއި އޭނާގެ އާއިލާ ބައްދަލުވާ މަންޒަރު ފެންނަ ވީޑިއޯ

ޗައިނާގެ ޔުނާން ޕްރޮވިންސްގައި ލީ ޖިންގްވީ ދިރިއުޅެމުން ދިޔައީ މައިންބަފައިންނާ އެކުގަ އެވެ. ޖިންގްވީގެ އުމުރުން ހަތަރު އަހަރުގައި އެއް ދުވަހަކު އޭނާގެ ގޭގެ ބޭރުގައި ހުއްޓާ ބަޔަކު އައިސް އޭނާ ހައްދާލައިގެން ގެންގޮސް ކިޑްނެޕް ކުރީ އެވެ. ޖިންގްވީ 1988 ގައި ކިޑްނެޕްކުރީ ޗައިލްޑް ޓްރެފިކްކުރާ ގްރޫޕެއްގެ ބައެކެވެ. އެމީހުން އޭނާ ކިޑްނެޕް ކޮށްގެން ގެންގޮސް އެހެން ބަޔަކަށް ބޮޑު އަގުގައި ވިއްކާލީ އެވެ.

ބީބީސީގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފާއިތުވީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ޗައިނާގެ ޓިކްޓޮކް ވާޝަން ކަމަށްވާ ޑޫޔިންގައި ޖިންގްވީ އޭނާގެ އަމިއްލަ އަތުން ކުރަހާފައިވާ ޗާޓެއް ޝެއާ ކުރި އެވެ. އަދި އޭނާ ފޮލޯކުރާ މީހުން ކައިރީގައި މިއީ ޗައިނާގެ ކޮން އަވަށެއްކަން އެނގޭތޯ ސުވާލު ކުރި އެވެ.

އޭނާއަށް އެ އަވަށް ހޯދުމުގައި އެންމެ ފަހުން އެހީތެރިވީ ޗައިނާ ފުލުހުންނެވެ. އެ ޗާޓު ބަލައިގެން ފުލުހުން ވަނީ ޔުނާން ޕްރޮވިންސްގެ ފަރުބަދަމަތީ ސިޓީއެއް ކަމަށްވާ ޒާއޯޓޮންގްގެ ކުޑަ ކުޑަ އަވަށަކީ ޖިންގްވީ ހޯދާ އަވަށް ކަމަށް ޖިންގްވީ އަށް އަންގާފަ އެވެ. އަދި އެއީ ޖިންގްވީގެ އާއިލާގެ އަވަށް ކަން ޔަގީން ކުރުމަށް ފުލުހުން ވަނީ އެ އަވަށުގައި ދިރިއުޅޭ އަންހެނެއްގެ ލޭގެ ސާމްޕަލް އަކާއި ޖިންގްވީގެ ލޭގެ ސާމްޕަލެއް ނަގައި ޑީއެންއޭ ޓެސްޓް ހައްދުވާފަ އެވެ.

ޑީއެންއޭ ދިމާވުމުން އެއީ އޭނާގެ އާއިލާގެ މީހެއްކަމާއި އެ އަވަށަކީ އޭނާގެ އަވަށްކަން ޖިންގްވީ އަށް ޔަގީން ވިއެވެ. އަދި 2022 ފެށުން ފާހަގަކުރި އާ އަހަރު ދުވަހު ޖިންގްވީ އަށް ވަނީ އޭނާގެ މަންމަ އާއި އާއިލާގެ މީހުންނާ ބައްދަލުވުމުގެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް 33 އަހަރު ފަހުން ޖިންގްވީ އަށް އާއިލާއާ ބައްދަލުވީއިރު ބައްޕަ އާ ބައްދަލު ކުރެވޭ ގޮތެއް ނުވި އެވެ. ސަބަބަކީ އޭނާގެ ބައްޕަ މީގެ އެތައް އަހަރެއް ކުރިން ދުނިޔެ ދޫކޮށްފައިވާތީ އެވެ.

ގާތްގަނޑަކަށް 30 އަހަރު ފަހުން ޖިންގްވީ އާއި އޭނާގެ އާއިލާ ބައްދަލުވީ ވަގުތަކީ ޖަޒުބާތާއި އަސަރުން ފުރިގެންވީ ވަގުތަކަށް ވިއެވެ.

"އަތުން ކުރެހި ޗާޓަކުން 33 އަހަރުގެ ދިގު އިންތިޒާރާއި ނިދިގެއްލިފައި ހޭދަކުރި އެތައް ހާސް ރެއަކަށް ނިމުން އަތުވެއްޖެ،" ޖިއަންގް ސޯޝަލް މީޑިއާގައި ލޔެފައި ވެއެވެ.