ލައިފްސްޓައިލް

ކައިވެނި ސަލާމަތްކުރަން އަނގަމަތީ ޓޭޕް އަޅައިގެން

އިނގިރޭސި ވިލާތުގެ 39 އަހަރުގެ އަންހެނެއް ކަމަށްވާ ޖޭން ޓަރަންޓް މިހާރަކަށް އައިސް ހުރިހާ ވަގުތަކު ވެސް އުޅެނީ އަނގަ މަތީގައި ޓޭޕް އަޅައިގެންނެވެ. އޭނާ ނިދާފައި އޮންނަ ގަޑީގައި ވެސް މި ޓޭޕްގަނޑު އަނގަ މަތީގައި ތަތްކޮށްފައި ހުރެ އެވެ.

ސަބަބަކީ އޭނާގެ ހުރި ސިއްހީ މައްސަލައެއްގެ ސަބަބުން ފިރިމީހާ އަށް އުނދަގޫވާތީ އެވެ. އެހެންވެ މި މައްސަލަ ހައްލުކުރަން ޖޭން އަށް ފެނުނު އެންމެ ރަނގަޅު ހައްލަކީ އަނގަ މަތީ ޓޭޕް ތަތް ކުރުމެވެ.

ޖޭން އަބަދު އަނގަމަތީ ޓޭޕް އަޅައިގެން އުޅެން ފެށީ އޭނާއަށް ނޭފަތުން ނޭވާ ނުލެވޭތީ އަބަދު އަނގައިން ނޭވާލާން ޖެހޭތީ އެވެ. އަދި އަނގައިން ވެސް އޭނާއަށް ނޭވާ ލެވެނީ ވަރަށް ބާރަށެވެ. އޭނާއަށް ނޭވާ ލެވޭލެއް ބާރުކަމުން ކައިރީގައި ތިބޭ މީހުންނަށް ވެސް އެ އަޑު ރީތިކޮށް އިވެ އެވެ.

އިންސްޓަގްރާމްގައި ޖޭން ޝެއާ ކުރި މެސެޖެއްގައި ބުނީ ހަޔާތުގެ ބައިވެރިޔާ ކިތަންމެ ލޯބިވިޔަސް އޭނާއަށް ވެސް ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. އަދި ކައިރީގައި އޮންނަ މީހާގެ ނޭވާގެ އަޑުގަދަ ކަމުން ނުނިދޭނަމަ އޭނާ ވެސް މައްސަލަ ޖައްސާނެ އެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު އެމީހުންގެ ގުޅުމަށް ކުރަން ފެށުމުން އެ ކަމަށް ހައްލެއް ހޯދަން އޭނާއަށް މަޖްބޫރުވީ އެވެ.

އިނގިރޭސި ވިލާތު ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖޭން ބުނީ އޭނާއަށް އެއްގޮތަކަށް ވެސް ނޭފަތުން ނޭވާ ނުލެވޭ ކަމަށެވެ. އެހެންވެ އަބަދުވެސް އޭނާއަށް ނޭވާ ލެވެނީ ވަރަށް ބާރަށެވެ. އަދި ނިދާފައި އޮންނަ ގަޑީގައި އަނގަ ހުޅުވިފައި ހުންނާތީ ވަރަށް ބާރަށް ގުގުރިވެސް ދެމެ އެވެ. އަދި ކޮޅަށް ހުއްޓަސް އިށީނދެ އިނަސް، އޮށޯވެ އޮތަސް ހަމަ މި މައްސަލަ ދިމާވެ އެވެ. އަދި ވަރަށް އަވަހަށް ވަރުބަލިވާ ގޮތް ވެއެވެ.

"ދަރިފުޅު ސްކޫލަށް ލާފައި އަންނައިރުވެސް އަހަރެން ހުންނަނީ ވަރުބަލިވެގެން ވެއްޓެން ކައިރިވެފައި. އަދި ވަރަށް ބާރަށް ނޭވޭ ލެވެނީ. އެކަމާ ފިރިމީހާއާ އަބަދު މައްސަލަ ޖެހެން ފެށީމަ އަނގަ މަތީ ޓޭޕް އަޅަން ފެށީ،" ޖޭން ބުނެފަ އެވެ.

މިގޮތަށް އަބަދު އަނގަ މަތީ ޓޭޕް އަޅައިގެން އުޅެން ފެށުމުން މިހާރު މަޑުމަޑުން ނޭފަތުން ނޭވާ ލެވެން ފަށައިފި ކަމަށް ވެސް ޖޭން ބުންޏެވެ. އަދި ރޭގަނޑު ގުގުރި ދެމޭ މައްސަލައަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިއްޖެ ކަމަށާއި ހޭލާ ހުންނައިރު ވެސް މިހާރު ނޭވާލާ އަޑު އެހާ ގަދަ ނޫން ކަމަށް ޖޭން ބުންޏެވެ.