ލައިފްސްޓައިލް

ހަނދާންނެތޭ މީހަކާ ކައިވެނިކޮށް މުދާތައް އަތުލައިފި

އިނގިރޭސި ވިލާތުގެ ލީޑްސްގައި ދިރިއުޅޭ 91 އަހަރުގެ މި އަންހެންމީހާ އަކީ ވެސްކިއުލާ ޑިމެންޝިއާ ވަރަށް ބޮޑަށް ހުރި މީހެކެވެ. އޭނާއަށް ވުރެ މާ ހަގު ފިރިހެނަކު އޭނާއާ ސިއްރުން ކައިވެނި ކުރިއިރެއް މި އަންހެންމީހާގެ އަމިއްލަ ދަރިންނަކަށް ވެސް ނޭނގެ އެވެ. އެކަން އެނގުނީ އަންހެންމީހާ މަރުވި ފަހުން އޭނާގެ ދެ ލައްކަ ޕައުންޑްގެ މުދާ އެ ފިރިހެންމީހާ އަށް ލިބުނީމަ އެވެ.

ކެންސަރު ބަލީގައި ޖޯއާން ބްލާސް މަރުވީ 2016ގެ މާޗު މަހު އެވެ. ޖޯއާން މަރުވުމަކީ އޭނާގެ ދެ ދަރިންނަށް ލިބުނު ބޮޑު ހިތާމައަކަށް ވީއިރު މަންމަގެ މިލްކިއްޔާތުގައިވާ ހުރިހާ މުދަލަށް އެމީހުންނަށް އެއީ ކާކުކަން އެހާ ބޮޑަށް ނުވެސް އެނގޭ މީހަކު ވެރިވެގަތުން ވެގެން ދިޔައީ އެމީހުންގެ ހިތާމަތައް ދެ ގުނަ އިތުރުވީ ކަމަށެވެ.

މިކަން ވެގެން އުޅޭގޮތް ބެލުމުން ޖޯއާންގެ ދެ ދަރިންނަށް އެނގުނު ގޮތުގައި އޭނާގެ މަންމަ މަރުވުމުގެ މަސްތަކެއް ކުރިން ކޯލްމަން ފޯލާން ކިޔާ 67 އަހަރުގެ މި މީހާ އާ ވަނީ ކައިވެނިކޮށްފަ އެވެ. އަދި އޭނާގެ ދަރިންނަށް މުދާތައް މިލްކުވާ ގޮތަށް އޮތް ވަސިއްޔަތް ބާތިލުކޮށް ފަހުން ކައިވެނިކުރި ފިރިހެންމީހާ އަށް މުދާތައް ލިބޭގޮތް އާ ވަސިއްޔަތެއް އޮތީ ލިޔެފަ އެވެ.

ޖޯއާންގެ ދެ ދަރިން ކަމަށްވާ މައިކަލް، 53، އާއި ދެފްނޭ ފްރޭންކްސް، 62، އަށް އެ މީހުންގެ މަންމަ ކޯލްމަން އާ ގުޅިގެން އުޅޭކަން އެނގުމުން އެންމެ ކުރިން ވެސް ވަރަށް ބޮޑަށް ކަންބޮޑުވި އެވެ. މަންމަ އަށްވުރެ 23 އަހަރު ހަގު މީހަކާއެކު މަރުވުމުގެ ފަސް މަހެއްހާ ދުވަސް ކުރިއްސުރެ އުޅެމުން ދިޔަ ނަމަވެސް މަންމަގެ ހުރިހާ މިލްކިއްޔާތު މިމީހާއަށް ދީފައި އޮވެދާނެ ކަމަކަށް އެމީހުން އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ.

ފްރޭންކްސް ބުނި ގޮތުގައި އެމީހާ އާއެކު ހޭދަ ކުރި ފަސް މަސް ދުވަހުވެސް އޭނާގެ މަންމައަކަށް އެއީ ކާކުކަމެއް ހަނދާނެއް ވެސް ނުހުރެ އެވެ. އަދި އޭނާގެ ނަމެއް ވެސް ނޭނގެ އެވެ. އަދި އެގޭގައި އޭނާ ދިރިއުޅޭ ކަމެއް ވެސް މަންމަގެ ހަނދާނުގައި ނުހުރެ އެވެ.

"މަންމަ އަހާނެ އެއީ ކާކުހޭ؟ ކޮންނަމެއް ކިޔާ މީހެއްހޭ؟ ކޮން ތަނަކުން އައި މީހެއްހޭ؟" ފްރޭންކްސް ބުންޏެވެ.

ޖޯއާންގެ ދަރިންނަށް އޭނާ އާއި ކޯލްމަން ފަސް މަސް ކުރިން ކައިވެނިކޮށްފައިވާކަން އެނގުނީ އަންހެންމީހާ މަރުވިތާ ތިން ދުވަސް ވީފަހުންނެވެ. ކޯލްމަންގެ ބޯބޮޑުކަމުން އޭނާ ޖޯއާން އާ ކައިވެނިކުރީ ލީޑްސް ޓައުން ހޯލްގައި އޮތް ސިވިލް ސެރެމަނީއެއްގަ އެވެ. ވީމާ ރަސްމީކޮށް މި ކައިވެނި ރަޖިސްޓްރީކުރެވިފައިވާތީ މިކަމާ ދެކޮޅު ހެދޭކަށް އެކަކަށް ވެސް ނެތެވެ.

ޖޯއާންގެ ދެ ދަރިން މި މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް ޖޯއާން ފަހުން ކައިވެނިކުރި ފިރިހެންމީހާ އެއްވެސް ކަމެއް ގާނޫނާ ޚިލާފަށް ކޮށްފައި އޮތް ކަމަކަށް ކޯޓަކަށް ވެސް ސާބިތެއް ނުވި އެވެ.

ޖޯއާން މަރުވުމުން ޖަނާޒާގައި ވެސް އޭނާގެ ދަރިންނާއި އާއިލާއިން ބައިވެރިވުމުގެ ހުއްދަ އޭނާގެ ފިރިމީހާ ކޯލްމަން ނުދިނެވެ.

އަދި އޭނާ ދެ ވަނަ ކައިވެންޏެއް ކުރި ނަމަވެސް އޭނާ މަރުވިއިރުވެސް އިނގިލީގައި އޮތީ ފުރަތަމަ ފިރިމީހާ ރޮން އާ ކައިވެނިކުރިއިރު އޭނާ އަޅުވައިދިން އަނގޮޓި އެވެ.

ޖޯއާން އާއި ރޮންގެ ކައިވެންޏަށް 50 އަހަރުވީ ފަހުން 2008ގައި ރޮން މަރުވީ އެވެ.

ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލި ހުރި މީހަކަށް ކައިވެނި ނުކުރެވޭނެ ކަމަކަށް އިނގިރޭސިވިލާތުގެ ގާނޫނުގައި ނެތެވެ. އެހެންކަމުން މި ކައިވެންޏަކީ ސައްހަ ކައިވެންޏެއް ކަމަށް ގާނޫނީ ގޮތުން ބެލެވުނީ އެވެ.

މި ހާދިސާއަށްފަހު މި ގާނޫނު ބަދަލުކުރަން އެތައް ބަޔަކު ވަނީ ބޮޑު ކެމްޕޭނެއް ފަށާފަ އެވެ. ޖޯއާން ކަހަލަ އެތައް މިލިއަން ބަޔަކު އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާއިރު ކޮންމެ މީހަކަށްވެސް މިފަދަ މީހެއްގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮންނާނެތީ އެވެ.