ހަބަރު

އާ އަހަރުގެ ދެވަނަ ދުވަސް: ވީއައިއޭއަށް ރެކޯޑެއް

ޓޫރިޒަމްގެ މައި ސީޒަން ފަށާފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މި މަހުގެ ދެވަނަ ދުވަހު ފްލައިޓް މޫވްމެންޓް، އެއާޕޯޓް ބޭނުން ކުރި އަދަދުގެ އާ ރެކޯޑެއް ހަދައިފި އެވެ.

ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިން އާއްމު ކުރި ތަފާސް ހިސާބު ތަކުގައި ވާގޮތުގައި މި މަހުގެ ދެވަނަ ދުވަހު އެއާޕޯޓުގައި ޖުމްލަ 826 މޫވްމަންޓް ހަދާފައިވެ އެވެ.

މީގެތެރޭގައި ހިމެނެނީ 233 ރަންވޭ މޫވްމަންޓާއި ސީޕްލޭން މޫވްމެންޓުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ 593 މޫވްމެންޓެވެ.

އެމްއޭސީއެލް އިން ބުނީ މީގެ ކުރިން އެންމެ ގިނައިން ފްލައިޓް މޫވްމެންޓް ހަދާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހު 811 ފްލައިޓް މޫވްމެންޓް ރެކޯޑު ކުރެވިފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ 29 އެއާލައިނަކުން ދަތުރު ކުރެ އެވެ. އަދި މި އެއާލައިންތަކުން 20،490 ފްލައިޓް މޫވްމެންޓް ހަދާފައިވެ އެވެ.