ރާއްޖެ ކުޅިވަރު

ނޭޕާލް ކުޅުންތެރިން ބަންގާޅު އެއާޕޯޓުގައި ތާށިވެއްޖެ

ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ބަނގްލަދޭޝް އަށް ދިޔަ ނޭޕާލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އެއާޕޯޓުގައި ދެ ގަނޑި ވަންދެން ތާށިވެފައި ތިބެން ޖެހިއްޖެ އެވެ.

ބަނގްލަދޭޝްގެ އިމިގްރޭޝަނުން ނޭޕާލް ޓީމަށް ހާއްސަގޮތްތަކެއް ހަމަޖައްސާދީފައި ނެތުމުން އެ ގައުމުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ނޭޕާލްގެ ޓީމުގެ މި ދަތުރަކީ އަންނަ ހަފުތާގައި އިންޑިޔާގައި ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވާން ކުރި ދަތުރެކެވެ. ނޭޕާލް ޓީމު އިންޑިޔާ އަށް ދާނީ މި މެޗަށް ފަހު މި މަހުގެ 20ގަ އެވެ.

ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް އިންޑިޔާގައި ބާއްވާ މުބާރާތުގައި ނޭޕާލް ހިމެނެނީ އިންޑިޔާ އާއި ސްރީލަންކާއާއެކު ގްރޫޕް އޭގަ އެވެ. ބަނގްލަދޭޝް އާއި އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާން އަދި ބޫޓާނާއި ރާއްޖެ ހިމެނެނީ ގްރޫޕް ބީގަ އެވެ.