ރައީސް މުހައްމަދު ނަޝީދު

ލާދީނީ ތުހުމަތު ކުރާތީ ފިޔަވަޅު އަަޅަން އެދިއްޖެ

ލާދީނީ މީހެއް ކަމަަށް ބުނެ ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހަށް މައްސަލައެއް ހުށަހަޅާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

މަޖިލީސް އިދާރާއިން ނެރުނު ބަޔާނެއް މެދުވެރިކުރައްވާ ނަޝީދު ވިދާޅުވީ ރާއްޖޭގައި ޙަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ޙަމަލާތަކާއި، މީޑިޔާގެ ރިޕޯޓުތަކުގައި، އެމަނިކުފާނަކީ އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފަށް އުޅޭ ބޭފުޅެއްގެ ގޮތުގައި ތަޞައްވުރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި ސިޔާސީ މަސްރަހުގައި، މިފަދަ ބަސްމަގުން އެމަނިކުފާނުގެ ޒާތަށް ކުޑައިމީސް ބަސް ރައްދުކުރުމަކީ، އެ ފަދަ ތައުހީނަކާ ނުލައި ސިޔާސީ ބަހުސެއް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމެއް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެ ފަދަ ވާހަކަތައް، އިންތިހާއަށް ނުރައްކާތެރި ވެފައި، އޭގެ ހަމައެކަނި މަޤްޞަދަކީ އެމަނިކުފާނު ޖާނަށް ނުރައްކާ ދިނުން ކަމަަށްވާތީ ލާދީނީ މީހެއްކަމަށް ބުނެ، ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުންނެވި ކަމަށް އެ ބަޔާނުގައި ނަޝީދު ވިދާޅުވިއެވެ.

އަދި މިފަދަ މައްސަލަތައް ފުލުހަށް ހުށަހަޅަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު، މެއި 25، 2021 ގައި ހުށަހެޅިގޮތަށް މަޖިލީހުން ފާސްނުކުރުމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހެޅި ސިޓީއެއްގައި ބުނެފައި ވަނީ 2020 ވަނަ އަހަރު ނަޝީދުމ ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ދިވެހިންނަށް ފޮނުވާފައި ކަމަށާއި އަދި މިދިޔަ އަހަރު ވެސް އަނެއްކާ ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ހުށަހަޅާ ކަމަށެވެ.

އެ މައްސަލަ މީގެ ކުރިން ވެސް ފުލުހަށް އެ އިއްތިހާދުގެ ފަރާތުން ފޮނުވިކަން ފާހަގަ ކުރަމުން ސިޓީގައި ބުނެފައި ވަނީ ނަމަވެސް މައްސަލަ ކުރިޔަށް ގޮސްފައިނުވާ ކަމަށެވެ.