މުސްލިމަކު ކާފަރުކުރުން ކުށަކަށް ހަދަން ހުށަހެޅި "ހިސާނު ބިލާއި" އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލަށް ފަހު ބަދަލުތަކެއް ގެނެސް ފާސްކުރި ކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވާހަކަދައްކަވައިފި އެވެ.
އެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ބިލު ތަސްދީގުކުރައްވައިފަ އެެވެ.
ހިސާނު ބިލު ހުށަހެޅި އިރު ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ލޭބަލް ކުރުމާއި އަދި އާންމު ތަނެއްގައި މުސްލިކަމަށް ކާފަރަކަށް ގޮވުން ކުށަކަށް ހަދަން ހުށަހަޅުއްވައިފައި ވެއެވެ. ނަމަވެސް އެ ގޮތަށް ބިލުގައި އޮތުމުން ވަރަށް ބޮޑަށް ފާޑިކިޔުން އަމާޒުވެ ދީނީ ޖަމިއްޔާތަކުން ވެސް އެ ބިލު ގެންދިއުމަށް ގޮވާލުމާ ގުޅުގެން މަޖިލީހުގެ ތަޅުމުން އެ ބިލު ފާހެއް ނުވި އެވެ.
ނަމަވެސް އަލުން ކޮމިޓީން ހިސާން ބިލު އިސްލާހު ކުރި އިރު މުސްލިމަކާ ދިމާލަށް ކާފަަރަކަށް ގޮވުން ކުށަކަށް ވާނެ ގޮތާއި ވަކި މީހަކީ އިސްލާމް ދީނާ ދެކޮޅު އަދި އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ބުނުން ނުވަތަ ސިފަކުރުން ކުށަކަށް ވާނެގޮތް ތަފްސީލު ކޮށްދީފައި ވެއެވެ.
އެގޮތުން އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއްކަމަށް ބުނުން ނުވަތަ ސިފަކުރުން ކުށަކަށް ވާނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން އަހުލު ސުއްނަތު ވަލް ޖަމާއަތުގެ މުޢުތަބަރު ރައުޔަކާ ހިލާފު ނުވާގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ އަމަލަކުން އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ކަމަށް، ޢާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ކަމުގައި ބުނެފައި ވެއެވެ. ސުންނީ ރައުޔަުގެ ވާހަކަ ކުރީގެ ބިލުގައި ހިމަނައިފައެއް ނުވެއެވެ.
އޭގެ އިތުރުން މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިދަނކު އާންމު ތަނެއްގައި އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ކުށަކަށް ހަދަން ހިމަނާފައި ވެއެވެ.
ބިލު ހުށަހެޅި ދުވަސްވަރު ގިނަ ބައެއްގެ ފާޑުކިޔުން އެންމެ ބޮޑު އަމާޒުވި ކަންތައްތަކުގެ ތެރޭގައި ބިލު ފަރުމާކޮށްފައިވާ ގޮތުން އިސްލާމް ދީނުގެ އުސޫލުތައް އޮންނަ ގޮތް ކިޔައިދިނުންވެސް ކުށަކަށް ވުމުގެ ފުރުސަތު ބިލުގައި އޮތުމެވެ. ނަަމަވެސް އަލަށް ގެނައި އިސްލާހާއެކު އެކި ކަންކަމާމެދު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް ހުރެހެއް ނޭޅޭނެކަމަށް ވެސް ބުނެ މާއްދާއެއް އިތުރުވެސް ކޮށްފައި ވެއެވެ.
އިސްލާމްދީނަށް ތައުހީނުކުރުން ކުށަކަށް ހަދަން ހުށަހެޅި ބިލު "ހިސާން ބިލާ"އި އެއްކޮށްލައި ތައުހީނުކުރުމުގެ މާނަވެސް ބިލު ގައި ވަނީ ތަފްސީލުކޮށްދީފަ އެވެ. އެގޮތުން މުވާސަލަތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އިސްލާމް ދީނަށް ތައުހީނު ކުރުމާއި މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަ ކުރުން ކުށަކަން ހެދުމުގެ އިތުރުން އިސްލާމް ދީނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރުން ވެސް ކުށަކަށް ހަދަން ވަނީ ހިމަނައިފަ އެވެ.
ބިލަށް ބަދަލު ގެންނަން ރައީސް ނަޝީދު ފުރަތަމަވެސް ދެކޮޅު ހެއްދެވި އެވެ. ނަމަވެސް ބިލަށް ބަދަލު ނުގެންނަވާ ފާސްނުކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވުމުން ނަޝީދުގެ ވިސްނުންފުޅާ ދެކޮޅަށް ބިލް ފާސްވެގެން އައީއެވެ.
ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހަށް މައްސަލައެއް ހުށަހަޅާފައިވާތީ އެކަމާއި ގުޅިގެން މަޖިލީސް އިދާރާއިން ނެރުނު ބަޔާނެއް މެދުވެރިކުރައްވާ ނަޝީދު މިއަދު ވިދާޅުވީ މިފަދަ މައްސަލަތައް ފުލުހަށް ހުށަހަޅަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު، މެއި 25، 2021 ގައި ހުށަހެޅިގޮތަށް މަޖިލީހުން ފާސްނުކުރުމުން ކަމަށެވެ.
އަދި ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ހަމަލާތަކާއި މީޑިޔާގެ ރިޕޯޓުތަކުގައި އެމަނިކުފާނަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފަށް އުޅޭ ބޭފުޅެއްގެ ގޮތުގައި ތަސައްވުރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި ސިޔާސީ މަސްރަހުގައި މިފަދަ ބަސްމަގުން އެމަނިކުފާނުގެ ޒާތަށް ކުޑައިމީސް ބަސް ރައްދު ކުރުމަކީ އެ ފަދަ ތައުހީނަކާ ނުލައި ސިޔާސީ ބަހުސެއް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމެއް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނާ ދެކޮޅަށް އެއްލާ އެތި ފަހަރުތަކުގެ ބަސްމަގު ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެ ފަދަ ވާހަކަތައް އިންތިހާއަށް ނުރައްކާތެރި ވެފައި އޭގެ ހަމައެކަނި މަގްސަދަކީ އެމަނިކުފާނު ޖާނަށް ނުރައްކާ ދިނުން ކަމަަށްވާތީ ލާދީނީ މީހެއް ކަމަށް ބުނެ ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުންނެވި ކަމަށް އެ ބަޔާނުގައި ނަޝީދު ވިދާޅުވިއެވެ.