ލައިފްސްޓައިލް

އެންމެ ދިގު ނަމުގައި 1000 އަށްވުރެ ގިނަ އަކުރު!

ކޮންމެ މީހެއްގެ ވެސް ނަމަކީ އޭނާއަކީ ކާކުކަން އަންގައިދޭ އެންމެ ބޮޑު ނިޝާނެވެ. އެމީހާގެ ނަމާ ދޭތެރޭ އޭނާ ހިތްހަމަ ޖެހުނަސް ނުޖެހުނަސް އެ ނަމާއެކު އޭނާ މުޅި އުމުރު ހޭދަކުރަން ޖެހެއެވެ. ބައެއް މައިންބަފައިން އެމީހުންގެ ދަރިންނަށް ވީހާ ވެސް ތަފާތު ނަމެއް ކިޔަން ބޭނުން ވެއެވެ. އަޖައިބުވެގެން އަންތަރީސްވާ ވަރުގެ ނަން ނަން ކިޔަން ބޭނުންވާ މައިންބަފައިން ވެސް މަދެއް ނޫނެވެ. އަދި ބައެއް މީހުންގެ ނަޒަރުގައި އެހެން މީހުން ނުކިޔާ ތަފާތު ނަމެއް ދަރިފުޅަށް ކިޔުމަކީ މުހިއްމު ކަމެކެވެ.

ބައެއް ފަހަރަށް މައިންބަފައިން ގެންގުޅޭ މިފަދަ ޚިޔާލުތަކުގެ ސަބަބުން ދަރިންނަށް ކިޔާ ނަން ނަމާ ހެދި އެ ކުދިންނަށް ދުނިޔޭގައި އުޅެން ދަތިވާ ފަހަރު ވެސް އާދެ އެވެ. ތިމާއަށް ކިޔާ ނަމުގެ ސަބަބުން އެކުވެރިންނާއި ދެންވެސް އޭނާ ދަންނަ އެންމެންގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވާ ފަހަރު ވެސް މަދެއް ނޫނެވެ.

އޮޕްރާ ޝޯގައި ޖެމީ އާއި އޭނާގެ މަންމަ

ބައެއް މީހުން އެމީހުން ކިޔާ ވާހަކަ ފޮތްތަކުގައި އުޅޭ ކެރެކްޓާއެއްގެ ނަން ނުވަތަ ބަލާ ފިލްމެއްގައި އުޅޭ ކެރެކްޓާއެއްގެ ނަން ދަރިންނަށް ކިޔަ އެވެ. އަދި އެކި ކާޓޫނު ކެރެކްޓާތަކުގެ ނަން ދަރިންނަށް ކިޔާ މައިންބަފައިން ވެސް އުޅެ އެވެ. ނަމަވެސް އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭ މި އަންހެންމީހާ އޭނާގެ ދަރިފުޅަށް ކީ ވަރުގެ ނަމެއް މިހާތަނަށް އެއްވެސް މީހަކު ކިޔާފައިވާނެ ކަމަކަށް ނުބެލެވެ އެވެ. އޭނާ ބޭނުންވީ އޭނާގެ އަންހެންދަރިފުޅަށް މިހާތަނަށް ދުނިޔޭގައި މީހަކު ދަރިއަކަށް ނުކިޔާ ވަރުގެ ދިގު ނަމެއް ކިޔާ ރެކޯޑް ހަދާށެވެ. އެހެންކަމުން ސަންޑްރާ ވިލިއަމްސް އާއި އޭނާގެ ބައިވެރިޔާއަށް ސެޕްޓެމްބަރު 12، 1984 ގައި އެމީހުންގެ ދަރިފުޅު އުފަންވުމުން އުފަންދުވަހުގެ ސެޓްފިކެޓްގައި އެމީހުން ޖެހީ ރޯޝަންޑިއަޓެލީނެޝުއަންވެޝެންކް ކޮޔާންއިސްކުއެޓްސިޔުތު ވިލިއަމް އެވެ. މި ނަން އިނގިރޭސިން ލިޔެފައި އިންނައިރު 60 އަކުރު އިނދެ އެވެ.

މިއީ ހަގީގަތުގައި ވެސް ހާދަ ދިގު ނަމެކޭ ހީވިޔަސް މި ކުއްޖާގެ މައިންބަފައިންނަކަށް މިއީ ދިގު ނަމެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެމީހުންނަށް ގަބޫލު ކުރެވުނީ އެނަން އެހާ ދިގުނޫން ކަމަށެވެ. އެހެންވެ ކުއްޖާ އުފަންވީތާ ތިން ހަފުތާ ފަހުން އަނެއްކާވެސް ނަން ބަދަލުކުރަން ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅި އެވެ. އެފަހަރު އެމީހުން ހުށަހެޅި ނަމުގައި 1،019 އަކުރު ހިމެނެ އެވެ. އަދި 36 އަކުރުގެ މެދު ނަމެއް ވެސް އެ ނަމުގައި ހިމެނެ އެވެ.

މި ނަން އުފަން ދުވަހުގެ ސެޓްފިކެޓުގައި ނުލިޔެވިގެން ސެޓްފިކެޓް އާކުރިއިރު އެ ކުއްޖާއަށް ދޭން ޖެހުނީ ދެ ފޫޓު ދިގުމިނުގައި ހުރި ސެޓްފިކެޓެކެވެ. ގިނިސް ވޯލްޑް ރެކޯޑްސްގައި ދުނިޔޭގެ އެންމެ ދިގު ނަމުގެ ވެރިޔަކީ މި ކުއްޖާ ކަމަށް ލިޔެފައި ވެއެވެ.

ނަމަވެސް މިހާ ދިގު ނަމެއް އެ ކުއްޖާއަށް އެކަކުވެސް ނުކިޔަ އެވެ. އޭނާގެ އާއިލާގެ މީހުން ވެސް އެކުވެރިން ވެސް އެ ކުއްޖާއަށް ކިޔަނީ ޖެމީ އެވެ. ޚުދް ޖެމީ އަށް ވެސް އޭނާގެ ނަން ހަނދާނުގައި ބަހައްޓަން ވީ ބޮޑު އުނދަގުލަކަށެވެ. އެންމެ ފަހުން ޓޭޕް ޜެކޯޑަކަށް އެ ނަން ރެކޯޑް ކޮށްގެން އެ އަޑު އަހާ އަހާ ވަރަށް ގިނަ ދުވަހުން ޖެމީ އޭނާގެ ނަން ކިޔަން ދަސްކުރީ އެވެ.

އޮޕްރާ ވިންފްރީ ޝޯގައި 1997 ގައި ޖެމީ އޭނާގެ މަންމަ ސާންޑްރީ އާއެކު ބައިވެރިވި އެވެ. ސާންޑްރާ އެ ޝޯގައި ވާހަކަ ދައްކަމުން ބުނީ ދަރިފުޅުގެ ނަން ގިނިސް ވޯލްޑް ރެކޯޑްސް އަށް އަރުވަން ވީހާވެސް ޔުނީކް ނަމެއް ކިޔަން އޭނާ ބޭނުންވީ ކަމަށެވެ.

"އަހަރެން ބޭނުމެއް ނުވި އެހެން އެއްވެސް މީހެއްގެ ނަމެއް އޭނާގެ ނަމާ އެއްގޮތް ވާކަށް. އަދި ގިނިސް ވޯލްޑް ރެކޯޑަށް އެ ނަން އަރުވަން،" ސަންޑްރާ ބުންޏެވެ.