ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާޝިދުގެ ކެމްޕޭން ފަށަން ރައީސް ކޮމަންޑޫއަށް

Jan 5, 2022
8

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމަންޑޫ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރާޝިދުގެ ކެމްޕޭން ލޯންޗްކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ކޮމަންޑޫގަ އެވެ.

ރައީސް ސޯލިހް ކޮމަންޑޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ރައީސް މިވަގުތު އުޅުއްވަނީ ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ. ކޮމަންޑޫ އަށް ރައީސް ވަޑައިގަންނަވަނީ ނ. އަތޮޅު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސީދާ އެ އަތޮޅުންނެވެ.

ރާޝިދަކީ ށ. ފޯކައިދޫ ކައުންސިލްގެ ރައީސް ކަން މިދިޔަ ތިން ދައުރު ކުރެއްވުމަށްފަހު މިހިނގާ ދައުރުގައި ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އެެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު ކޮމަންޑޫ ދާއިރާގެ ގޮނޑި އޭރު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވީ އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް 332 ވޯޓްގެ ބޮޑު ތަފާތަކުން ބަލިކުރުމަށްފަހު އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.