އެމްޑީޕީ

ކޮމަންޑޫ ދާއިރާގައި މަޝްރޫއުތައް ފެށީ އިންތިހާބާ ދިމާކޮށެއް ނޫން: އެމްޑީޕީ

ކޮމަންޑޫ ދާއިރާގައި ސަރުކާރުން މިހާރު ހިންގަމުން އަންނަ މަޝްރޫއުތަކަކީ އިންތިހާބާ ދިމާކޮށް ފަށައިފައިވާ މަޝްރޫއުތަކެއް ނޫން ކަމަށް އެމްޑީޕީން ބުނެފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން އެމްޑީޕީއަށް ގޮނޑި ކާމިޔާބުވުމާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ދެ ކޮމަންޑޫ ގުޅައިލުމަކީ އަބަދުވެސް އެމްޑީޕީގެ ތަސައްވުރެއް ކަމަށެވެ.

ށ. ކޮމަންޑޫ އާއި އެރަށުގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫގެ ބިން ހިއްކައިގެން ދެ ރަށް ގުޅާލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނުކުރެއްވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭނުގެ ތެރެއިން މިދިޔަ މަހު އެވެ.

މި މަޝްރޫއުގެ އިތުރުން، ކޮމަންޑޫ ދާއިރާގައި އެހެން މަޝްރޫއުތައް އަވަސް އަރުވާލައިގެން ފެށީ މި ކެމްޕޭނާ ދިމާކޮށް ކަމަށް ގިނަ ބަޔަކު ކުރަމުން އައި ތުހުމަތުތައް ހަސަން ވަނީ ދޮގުކުރައްވައިފަ އެވެ.

ހަސަން ވިދާޅުވީ ދެ ކޮމަންޑޫ ގުޅައިލުމަކީ 2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތެރޭގައި ވެސް އެމްޑީޕީ އިން ގެންގުޅުނު ސިޔާސަތެއް ކަމަށެވެ. އޭރު ވެސް މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލައި ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށް އެމްޑީޕީއިން މަސައްކަތް ކުރަމުން އައި ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ތޮއްޖެހުން ކުޑަކޮށް، ރަށްރަށުން ވަސީލަތްތައް ހޯދައިދިނުމަކީ އެމްޑީޕީގެ އަބަދުވެސް އަމާޒެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ހަނދުމަފުޅު ހުންނަވާނެ އަނެއް ދިވެހިރާއްޖެއޭ ކިޔާފަ އޭރު އަޅުގަނޑުމެން ދެއްކި ވާހަކަތަކުގެ ތެރެއިން އެންމެ މުހިންމު ވާހަކައަކީ އެއީ. މާލެއަށް އޮންނަ ތޮއްޖެހުން ނައްތާލައި މުޅި ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން، އިދާރީ ދާއިރާތައް ހިންގަމުން އިދާރީ ދާއިރާތަކުގެ މެދުގައި ދަތުރުފެތުރުމުގެ ނިޒާމެއް ގާއިމްކޮށްގެން މުޅި ރާއްޖެ ހިންގުމުގެ ވާހަކަ. އޭގެ ތެރެއިން ދެކެވުނު ވާހަކައެއް އެއީ ދެ ކޮމަންޑޫ ގުޅައިލުން. އަދި މާލެއާ ތިލަފުއްޓާ ހަމައަށް ގުޅިފަޅާ ގިރާވަރާ ހަމައަށް ގުޅިފަ އޮންނަ ގްރޭޓާ މާލެ ސަރަހައްދެއް ވެސް އިނގޭތޯ،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުރިހާ މަސައްކަތްޕުޅުތަކެއް މާލެ ސަރަހައްދަށް އަމާޒުކުރުމުން އެކަމާ އޭރު ވެސް އެމްޑީޕީން ދެކޮޅު ހެދި ކަމަށެވެ.

ހަސަން އިތުރަށް ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ހިންގަމުން އަންނަނީ ކޮމަންޑޫ ދާއިރާގައި އެކަނި ނޫން ކަމަށެވެ. ހުރިހާ ދާއިރާއެއްގައި ވެސް ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށާއި ކޮމަންޑޫ ދާއިރާއަށް ސަމާލުކަން އައިސްފައި މިވަނީ އެ ދާއިރާގެ އިންތިހާބު އޮތުމުން ކަމަށެވެ.

އެމްޑީޕީއަށް މިއަދު ލިބުނު ކާމިޔާބީ އަކީ އެޕާޓީގެ އެޖެންޑާ19 އަދި ޖަޒީރާ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އިންތިހާބަށް ނުފޫޒު ފޯރުވައި ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ކަމެއް އެމްޑީޕީއިން ކޮށްފައި ނުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ މިހާރު އާންމުވެފައިވާއިރު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު އެވެ. 240 ވޯޓުގެ ތަފާތުން ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް ވަނީ އިންތިހާބުން ބަލިވެފަ އެވެ.