މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ހާއްސަ ޖަލްސާއެއް މާދަމާ ރޭ

Jan 5, 2022

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

އެމްއެންޕީގެ ސްޕޯކްސްޕާސަން އަސްރާ އަހްމަދު މިރޭ ވިދާޅުވީ މިޖަލްސާ އޮންނާނީ މާދަމާ ރޭ 9:00 ޖަހާއިރު ށ. ކޮމަންޑޫގައި ކަމަށެވެ. ބައެއް ޓީވީ ޗެނަލްތަކުން މިޖަލްސާ ލައިވް ކުރާނެ އެވެ.

އެމްއެންޕީގެ ރައީސް އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވެސް މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މި ޖަލްސާގެ އެންމެ ބޮޑު ބޭނުމަކީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސް އަށް ކެމްޕޭން ކޮށްދިނުމާއި ސިޔާސަތުތައް ރައްޔިތުންނަށް ބުނެދިނުމެވެ.

އެމްއެންޕީގެ ލީޑަޝިޕްގެ ބޭފުޅުން މިދިޔަ މަހު ވެސް ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫ އަށް ޒިޔާރަތް ކުރައްވާ ހަންނާންގެ ކެމްޕޭންގައި އަމަލީގޮތުން މަސައްކަތް ކުރައްވާފަ އެެވެ.

ހަންނާނަކީ ތައުލީމީ ދާއިރާގައި ވަރަށް ގިނަ އަހަރުތަކަކު މަސައްކަތް ކުރެއްވުމަށްފަހު މިހާރު އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ.

ތައުލީމީ ދާއިރާގައި ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވާފަ އެވެ. މީގެއިތުރުން ހދ. ހަނިމާދޫ ސުކޫލާއި، ރ. އިނގުރައިދޫ ސޫކޫލާއި، ނ. މާފަރު ސުކޫލާއި، ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ހަންނާން ކުރައްވާފައިވެ އެވެ.

އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހަންނާން ހިމެނެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާނީ ކުރިއަށް އޮތް ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.