ހަބަރު

ޗެލްސީ ކަރަބޯ ކަޕްގެ ފައިނަލާއި ގާތަށް

ރޭ ޓޮޓެންހަމް އަދި ޗެލްސީ ވާދަކުރި ކަރަބޯ ކަޕްގެ ސެމީފައިނަލް މެޗުގެ ފުރަތަމަ ލެގުުން މޮޅުވެ ޗެލްސީން ފައިނަލާއި ގާތަށް ޖެހިލައިފި އެވެ.

ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ގޯލު ޖަހައި ދިނީ މެޗުގެ ފަސް ވަނަ މިނެޓުގައި ޖަރުމަން ގެ ތަރި ކައި ހަވާޒެވެ. ދެވަނަ ގޯލު ވަދެފައި ވަނީ ޓޮޓެން ހަމްގެ ބެން ޑޭވިސް އަތުން ބައިކޮޅަށެވެ.

މެޗުން މޮޅުވުމުން ޗެލްސީއަށް ވަނީ ދެގޯލުގެ އެގްރިގޭޓެއް ލިބިފަ އެވެ. ނަމަވެސް ފައިނަލަށް ދާން އޮތް ފުރުސަތު ޓޮޓެންހަމަށް ގެއްލިފައެއް ނުވެއެވެ. ޓޮޓެން ހަމް އަށް ޖެހޭނީ ދެވަނަ ލެގުގައި ތިން ލަނޑުގެ ތަފާތަކުން ޗެލްސީ ބަލި ކުރާށެވެ.

ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މެޗަށްފަހު ބުނީ ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާ ރަނގަޅު ކުރަންވީ ކޮންކަމެއްކަން ވެސް ބުނަން ނޭނގޭ ކަމަށެވެ. އަދި ބުނީ ޓޮޓެންހަމްއާ ޗެލްސީއާ އަޅާ ނުކިޔޭނެ ކަމަށާއި ދައްކަން ޖެހެނީ އާދައިގެ ޓީމެއްގެ ވާހަކަ ނޫން ކަމަށާއި ޗެލްސީއަކީ ޔޫރަޕްގައި މިހާރު އޮތް އެންމެ ވަރުގަދަ އެއްޓީމް ކަމަށެވެ. އަދި ދެޓީމު ދެމެދުގައި އޮތް ފަރަގު މިހާރު ވާނީ ފެނިފައި ކަމަށެވެ.

ކޮންޓޭ ބުނީ ދެވަނަ ލެގްގައި ވާނެ ގޮތް އެކަކަށް ވެސް ބުނަން ނޭނގޭނެ ކަމަށާއި، ދެވަނަ ލެގުގައި ޗެލްސީގެ މައްޗަށް ކުރިހޯދޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އެއީ ނުވާނޭ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

ޗެލްސީ އަދި ޓޮޓެން ހަމް ވާދަކުރާ ސެމީ ފައިނަލުގެ ދެވަނަލެގު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.