މުދިމުންގެ ހާޒިރީ ބެލުމަށް މިސްކިތްތަކުގައި ފިންގާ ޕްރިންޓް މެޝިން ބަހައްޓައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް މިލިއަނެއްހާ ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި އެވެ.
މިސްކިއްތަކުގައި ފިންގާ ޕްރިންޓު މެޝިން ބެހެއްޓުމަށް ނިންމީ ބައެއް މިސްކިތްތަކުގެ މުދިމުން ގަޑި ޖެހުމުގެ ސަބަބުން އާންމުންގެ ޝަކުވާއާ ކުރިމަތިލާން ޖެހޭތީ އެވެ. އަދި އެކަމުގެ ސަބަބުން މިސްކިތަށް ދާ މީހުން އަމިއްލައަށް ބައެއް ފަހަރު ބަންގި ގޮވަން ޖެހޭތީ އެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލޭ ހުރިހާ މިސްކިތެއްގައި، އިމާމުންގެ ހާޒިރީ ބެލެހެއްޓުމަށް ފިންގަ ޕްރިންޓް ރީޑާ ބަހައްޓައި ނެޓްވާކް އަޅައިދިނުމުގެ މަސައްކަތް ކުރުމަށް ހަވާލު ކުރީ ޑިވިޝަން އޮފް އޯޑިއޯ ވިޝަންއާ އެވެ. އަދި މިމަސައްކަތް ކުރުމަށް ބަޖެޓުން ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާ ހަރަދުވެއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް "އަވަސް" އާ ވާހަކަ ދައްކަމުން ވިދާޅުވީ ޑިވިޝަން އޮފް އޯޑިއޯ ވިޝަންއާ މިއަދު މަސައްކަތް ހަވާލު ކުރީ މާލެ ވިލިމާލެ އަދި ހުޅުމާލެގެ މިސްކިތެއްގައި ހިނގާ ކަންތައް ބެލެހެއްޓުމަށް ޓަކައި ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކޮށް ނެޓްވޯކުން ގުޅާމުގެ މަސައްކަތް ވެސް ހިމެނޭ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން މިމަސައްކަތް ކުރަން ނިންމީ މިހާރު މިސްކިތްތައް އިސްލާމިކް މިނިސްޓްރީ ދަށައް ބަދަލު ކުރުމާއި ގުޅިގެން، މާލެ ވިލިމާލެ އަދި ހުޅުމާލެގެ ހުރިހާ މިސްކިތްތަކުގައި ހިނގާ ކަންތައް ބެލެހެއްޓުމަށް. އޭރުން ކޮންމެ ފަހަރަކު އެތަނަކަށް މީހުން ދަތުރުކޮށްގެން ދިއުމަށް ވުރެން ފަސޭހަ ވާނެ،" އޭނާ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ރާއްޖޭގެ މިސްކިތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ. ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި އަޅާ 10 މިސްކިތުގެ ތެރެއިން ތިން މިސްކިތެއް އަޅައިދޭން ކޮންޓްރެކްޓުގައި ވަނީ ސޮއިކޮށްފަ އެވެ. މި މަޝްރޫއުގެ އަގު 24 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.