އުތުރު ކޮރެއާއިން ޓެސްޓް ކުރީ ބެލަސްޓިކް މިސައިލެއް ކަމަށް ހީކުރެވިފައި ވަނިކޮށް މިފަހަރު ވެސް ޓެސްޓްކްރީ ހައިޕާސޮނިކް މިސައިލެއް ކަމަށް އެ ގައުމުން ބުނެފި އެވެ.
އުތުރު ކޮރެއާގެ އަސްކަރިއްޔާއިން މިދިއަ އަހަރު ސެޕްޓެމްބަރުގައި ވެސް ވަނީ ހައިޕާސޮނިކް މިސައިލެއް ޓެސްޓްކޮށް ދުނިޔެ ވާދަވެރިންނަށް ގޮންޖަހާފަ އެވެ.
ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ ބުނި ގޮތުން ދިފާއީ ބާރުތަކުން އަޖުމަ ބެލުމަށް ކުރި ދެވަނަ ޓެސްޓްގައި މިސައިލް 700 ކިލޯމީޓަރަށް އުދުހުނު ކަމަށެވެ.
ހައިޕާސޮނިކް މިސައިލާ މެދު އޮތް ކަންބޮޑުވުމަކީ މިއީ މިސައިލް ދިފާއުކުރާ ނިޒާމްތަކަށް ވެސް އޮޅުވާލެވޭ ފެންވަރުގެ ހަތިޔާރަކަށް ވުމެވެ. ބެލަސްޓިކް މިސައިލްތަކާ ހިލާފަށް ހައިޕާސޮނިކް މިސައިލްތައް އުދުހި ދަތުރު ކުރަނީ މާބޮޑަށް ވެސް ތިރިންނެވެ.
އަނެއްކޮޅުން ހައިޕާސޮނިކް މިސައިލްތައް އަޑަށް ވުރެ ފަސް ގުނަ ބާރު ދުވެލީގައި ދަތުރު ކުރުމަކީ ވެސް ދިފާއުވާން އޮތް ބޮޑު ހުރަހެކެވެ.
އުތުރު ކޮރެއާ ބުނާ ގޮތުން ޓެސްޓްކުރީ ނިއުކްލިއާ ވޯހެޑް އުފުޅޭ ފެންވަރުގެ މިސައިލެކެވެ. އަދި ބުނީ ނުފޫޒު ގަދަ ގައުމުތަކަށް ވުރެ ކުރިން ހައިޕާސޮނިކް ޓެކްނޮލޮޖީ އުތުރު ކޮރެއާ ހޯދާފައިވާ ކަމަށެވެ.
ނުފޫޒު ގަދަ ގައުމުތަކުން ބުނާ ގޮތުން ފަނާކުރަނިވި ހަތިޔާރު އުފެއްދުމަކީ އދ. މަނާކުރާ ކަމެކެވެ. އެމެރިކާއިން ބުނީ އުތުރު ކޮރެއާ އދ. ގެ މުއާހާދާތަކަށް ކިތަންމެ ފަހަރަކު ޚިލާފުވެއްޖެ ކަމަށާއި އދ. ސަލާމަތީ މަޖިލީހަށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.