ދެކުނު ކޮރެއާގައި ގާއިމުވެ ހުރި އެމެރިކާ ސިފައިންގެ މީހަކު ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާއަށް ވަދެގެންފި އެވެ.
މިއީ އޭނާގެ މައްޗަށް އުފުލާފައި އޮތް ސުލޫޚީ މައްސަލައެއް ބެލުމަށް އަނބުރާ އެމެރިކާއަށް ގެންދަން އުޅެނިކޮށް -- އެއާޕޯޓުން ނުކުމެގެން ގޮސް، ސިއްރިޔާތުގައި އޭނާ ކުރި ކަމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާ މިހާރު ހުރީ އިތުރު ކޮރެއާގެ ސިފައިންގެ ބެލެހެއްޓުމުގަ އެވެ.
އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ ގުޅޭ ބޯޑަރަކީ ވަރަށް ނުރައްކާތެރި ސަރަހައްދެކެވެ. މިއީ ދެ ގައުމުގެ ސިފައިން ބޯޑަރުދެ ދެ ފަރާތުގައި ގާއިމުވެ ތިބެ 24 ގަޑިއިރު ވަރަށް ވަރުގަދައަށް ފޯރިމަރާ ސަރަހައްދެކެވެ.
ޓްރާވިސް ކިންގްގެ ނަމުން މިހާރު އެނގިފައިވާ މި މީހާ ފިލުމަށްޓަކައި ފަތުރުވެރިންގެ ގުރޫޕަކާ އެއާޕޯޓުން ގުޅުނު ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ފަތުރުވެރިއަކަށް ހެދިގެން ތަންތަން ބަލަމުން ގޮސް ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދަށް "ޓުއާ ގުރޫޕް" ދިއުމުން ދުވެފައި ގޮސް އުތުރު ކޮރެއާއަށް ވަދެގަތީ ކަމަށް ވެއެވެ.
އުތުރު ކޮރެއާ އާއި އެމެރިކާ އަކީ ޖާނީ ދުޝްމަނުންނެވެ. މިހެންކަމުން އެމެރިކާގެ މި މީހާއާ މެދު އުތުރު ކޮރެއާ ކަންކުރާނެ ގޮތެއް ވެސް ނޭނގެ އެވެ.
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުން އުތުރު ކޮރެއާގެ ސިފައިންނަށް ގުޅައިގެން ޓްރާވިސް ކިންގްގެ ހާލަތު ބެލުމަކީ ވޭނެކެ އެވެ. އެހެން ނަމަވެސް، ރަސްމީ ޗެނަލްތައް ބޭނުންކޮށްގެން މައްސަލަ ހައްލަކުރެވޭތޯ ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ.
އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު މިހާރު ގުޅުން އޮތް ގޮތުން އެމެރިކާ މީހާ އުތުރު ކޮރެއާގައި ހިފެހެއްޓުމަކީ ވެސް ވެދާނެ ކަމެކެވެ. އެ ނޫން ގޮތެއްގައި އޭނާގެ ފަރާތުން އެމެރިކާއާ ގުޅުން ހުރި އަސްކަރީ މައުލޫމާތު ހޯދުމަކީ ވެސް އުތުރު ކޮރެއާއިން ކޮށްފާނެ ކަމެކެވެ.
ޓްރާވިސް ކިންގް އުތުރު ކޮރެއާއަށް ވަދެގަތީ މަޖުބޫރުކަމެއް ނެތި ހަމަހޭގަ އެވެ. މިހެންކަމުން ބެލެވެނީ އެމެރިކާއިން ދީފާނެ އަދަބަކަށް ފިލަން ދުވީ ކަމަށެވެ.
މި މައްސަލާގެ އަނެއް ފަޅިއަށް ބަލާއިރު، އުތުރު ކޮރެއާއިން ޓްރާވިސްއާ އެކު ޑީލެއް ހަދައި އެގައުމުގައި އޭނާ ބެހެއްޓުމަކީ ވެސް ކޮށްފާނެ ކަމެކެވެ. މިއިން ކޮންމެ ގޮތެއްގައި ވެސް އެމެރިކާގެ ސިފައިންގެ މީހާ އުތުރު ކޮރެއާއަށް ވާނީ ހުސްބުޅީގައި ގަތް ރީނދޫ އުރަހަ ކަންނެއްޔަކަށެވެ.