ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ ކައުންސިލް

އެޗްޕީއޭން އެންގުމުން ނައިޓް މާކެޓް ހުއްޓާލައިފި

އެޗްޕީއޭއިން އެންގުމުން މާލޭގެ ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދާ ނައިޓް މާކެޓް ހުއްޓާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ނައިޓް މާކެޓްތައް ބޭއްވުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދޭން އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އެހެންކަމުން މާލޭގައި ނައިޓް މާކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ވޭތުވެ ދިޔަ ދުވަސްތަކުގައި، މާލެ އަދި ހުޅުމާލޭގައި ނައިޓް މާކެޓްތައް ބޭއްވުމަށް ދިޔައީ ހުއްދަދެމުންނެވެ. ހުޅުމާލޭގައި ވެސް މީގެ ކުރިން ނައިޓް މާކެޓްތައް ވަނީ ބާއްވާފަ އެވެ.

ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. ނައިޓް މާކެޓަށް 200 އަށް ވުރެ ގިނަ މޭޒު ވަނީ ވިއްކައިފަ އެވެ. އެ ނައިޓް މާކެޓް އިންތިޒާމްކޮށް ހިންގަމުން ދިޔައީ ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީ އިންނެވެ.

ނައިޓް މާކެޓް ކުރިއަށް ދާނީ ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު އެ ސަރަހައްދުގައި ގިނަ ބަޔަކު މަސްހުނިވެ، މާސްކް ނާޅާ އުޅެ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު ކުރިއަށް އޮތް ތިން ހަފްތާ ކޮވިޑްގެ ހާލަތު ގޯސްވާނެ ކަމަށް ސިއްހީ މާހިރުންނާއި ހަވާލާދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ރައްކާތެރި ފިޔަވަޅުތައް އަޅުއްވައި، ސަމާލުވެ ތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް ތިރިވުމަށްފަހު ވޭތުވެދިޔަ ތިން ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 200 އިން މައްޗަށް އަރައިފަ އެވެ. އެގޮތުން އިއްޔެ ވެސް ވަނީ 224 މީހުން ބައްޔަށް ޕޮޒިޓިވްވެފަ އެވެ.