ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. މުހައްމަދު މުއިއްޒު

ފަރުދީ ޒިންމާއިން އެކަނި ހައްލެއް ނެތް: މުއިއްޒު

ފަރުދީ ޒިންމާ އަދާކުރުމުން އެކަނި ހައްލުވާ ވަރަށް ވުރެ ކޮވިޑްގެ ހާލަތު ގޯސްވެފައި ކަމަށް މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ކޮވިޑް ހާލަތު މުޅި ރާއްޖޭގައި ވެސް ވަރަށް ބޮޑަށް ގޯސްވެފައި ވާތީ ބަލީގެ މި ހާލަތު ދެން ރަނގަޅު ކުރެވޭނީ ރައްޔިތުން ފަރުދީ ޒިންމާ އަދާ ކޮށްގެން ކަމަށް ސިއްހީ މާހިރުންނާއި އެޗްޕީއޭގެ އިސްވެރިން ވިދާޅުވަމުން ގެންދަވަނިކޮށެވެ. އޭނާ މިއަދު ވިދާޅުވީ ރާއްޖޭގައި ހާއްސަކޮށް މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މިންވަރަކީ ފަރުދީ ޒިންމާއިން އެކަނި ހައްލުވާނެ މިންވަރެއް ނޫން ކަމަށެވެ.

"އެންމެ ބޮޑަށް އިސްލާހު ކުރަންވީ ސަރުކާރުގެ މިކަމާ ގުޅުންހުރި ހާރިޖީ، ދާހިލީ އަދި އިގްތިސޯދީ ސިޔާސަތުތައް،" ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ފާހަގަ ކުރައްވާ އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވަނީ ހާލަތު ކޮންމެ ގޮތަކަށް އޮތަސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަަޅާ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބައިގެން ފަރުދީ ޒިންމާ އަދާ ކުރުމުގައި މާލޭގެ ރައްޔިތުން މިސާލު ދެއްކުމަށް ވެސް އެދި ވަޑައިގެންފަ އެވެ.

ޑރ. މުއިއްޒު ކުރައްވާފައިވާ ޓްވީޓް

ރާއްޖެއިން އިއްޔެ އެކަނިވެސް 601 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. އެއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 31،931 އަށް އަރާފަ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދަނީ 6،508 މީހުންނެވެ. މިހާތަނަށް 25،340 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 181 މީހަކަށް ފަރުވާ ދެމުންދާއިރު ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ މަރުވެފަ އެވެ.