މާލޭގެ ރަސްފަންނު ސަރަހައްދުގައި ކުރިއަށް ދިޔަ ނައިޓް މާކެޓް ހުއްޓުވާލުމުން މާކެޓުން މޭޒު ގަނެގެން މުދާ ވިއްކަމުން ދިޔަ ވިޔަފާރިވެރިން އިހްތިޖާޖު ކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ހުއްދަ ދީގެން މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެށި ނައިޓް މާކެޓް ހުއްޓާލުމަށް އެޗްޕީއޭ އިން އެންމެ ފުރަތަމަ އެންގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެޗްޕީއޭ އިން އެގޮތަށް އެންގީ ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.
ކުއްލި ގޮތަކަށް އެޗްޕީއޭ އިން އެގޮތަށް އެންގުމުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ބުނެ ސިޓީ ކައުންސިލަށް ޝަކުވާ ހުށަހެޅުމުން އެޗްޕީއޭ އިން ބުރާސްފަތި ދުވަހުގެ ރޭ ވަގުތެއްގައި ނައިޓް މާކެޓް ކުރިއަށް ގެންދަން އަލުން ހުއްދަ ދިނެވެ. ނަމަވެސް ހުއްދަ ދިނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަދި ގައިދުރުކޮށްގެން ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށެވެ. އެކަމަކު އިއްޔެ ނައިޓް މާކެޓް ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ އިރުޝާދާ ހިލާފަށް ކަމަށްވާތީ އެޗްޕީއޭ އިން އިއްޔެ އަނެއްކާ ވެސް ވަނީ ނައިޓް މާކެޓް ހުއްޓާލުމަށް އަންގާފަ އެެވެ.
އެޗްޕީއޭގެ އެންގުމާ ގުޅިގެން ނައިޓް މާކެޓްގައި މުދާ ވިއްކަމުން ދިޔަ ވިޔަފާރިވެރިން ވަނީ ރަސްފަންނު ސަރަހައްދުގައި އެޗްޕީއޭގެ އެންގުމާ ދެކޮޅަށް މިއަދު ހަވީރު އަޑުއުފުލާފަ އެވެ.
ވިޔަފާރިވެރިން ގޮވީ ކޮވިޑްގެ ނުރައްކާ ބޮޑުވުމުން ވަކި ކަހަލަ ވިޔަފާރިތަކެއް ހުއްޓުވައިގެން ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫން ކަމަށެވެ. އެޗްޕީއޭ އިން ކުއްލި ކުއްލިއަށް ފިޔަވަޅު އެޅުމުން ވިޔަފާރިވެރިތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި، އިނދަޖެހެމުންދާ ކަމަށްވެސް ގޮވަމުން ދިޔަ އެވެ.
ނައިޓް މާކެޓްގައި ބޫޓާއި ފައިވާން ވިއްކަމުން ދިޔަ ވިޔަފާރިވެރިޔަކު ބުނީ އެ މީހުން ކަހަލަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ސަލާމަތް ނުވެގެން އުޅެނިކޮށް އަނެއްކާވެސް އެމީހުން ކުރަމުން ދިޔަ ވިޔަފާރިއެއް ހުއްޓުވުމުން ހަދާނެ ގޮތް ހުސްވެއްޖެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހެން ވިޔަފާރިކޮށްލައިގެން މި ލިބޭ ކުޑަ އާމްދަނީ ވެސް ގެއްލިގެން މިދަނީ ދުރާލާ އެންގުމެއް ނެތި ކަންކަން ކުރާ ގޮތުން. ކޮވިޑް އުޅޭތީ ނައިޓް މާކެޓް ހުއްޓުވާލިއިރު ޕާޓީތައް ބާއްވާ ގޮތަށް ބާއްވާ. މުބާރާތްތައް ކުރިއަށް އެބަދޭ. މިދެން ކޮން އިންސާފެއްތޯ،" އެމީހާ ބުންޏެވެ.
މާލެ އާއި ހުޅުމާލެ އަދި އަތޮޅު ތެރޭގައި ވެސް ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި ކޮވިޑާ ގުޅިގެން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ރައީސް އޮފީހުން މިހާރު ވަނީ ފުލުހުންނަށް އަންގާފަ އެވެ.
ކުރިއަށް އޮތް ތިން ހަފްތާ އަކީ ކޮވިޑްގެ ނުރައްކާ ރާއްޖެ އަށް އެންމެ ބޮޑު ވާނެ ތިން ހަފްތާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވިދާޅުވެފަ އެވެ. ރައީސް އެގޮތަށް ވިދާޅުވީ ކޮވިޑް 19އާ ގުޅޭ ކަންކަން މެނޭޖުކުރުމުގައި މަސައްކަތް ކުރައްވާ ޓެގް ޓީމުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.