ޑރ. މުހައްމަދު މުއިއްޒު

ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސް ކުރައްވައިފި

May 21, 2022

މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

މޭޔަރު މިކަމަށް އިލްތިމާސް ކުރެއްވީ އެޗްޕީއޭއިން އިސްނަގައިގެން ހުޅުމާލޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކުރިއަށް ގެންދާ ކެމްޕޭން "މަދިރި ހޯހޯ" އިފްތިތާހް ކުރުމަށް ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްކޮށްދެއްވާ ދެއްކެވި ވާހަަކަފުޅުގަ އެވެ.

މި ކެމްޕޭނަކީ އެޗްޕީއޭ އިން ކޮންމެ އަހަރަކުވެސް އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

މޭޔަރު ވިދާޅުވީ މާލޭގައި ވަރަށް ބޮޑަށް މަދިރި އާލާވާ ތަންތަނާއި، ކުނި ގިނަވެ ނުސާފުކޮށް އޮންނަ ތަންތަން ގިނަ ކަމަށެވެ. މާލެއާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްވެސް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެން ގުޅިގެން ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިސްކަންދޭންވީ ފަރުދީ ޒިންމާއެއްވެސް އޮތްކަން ގަބޫލުކޮށްގެން، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން އަތްފޯރާފަށުގައި ހުރި ތަންތަން އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން ރައްކާތެރިކަމާއި ސާފުތާހިރުކަމުގައި ދެމެހެއްޓުމަށް" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މާލެއަކީ ބަލިތަކުން ރައްކާތެރިވެފައިވާ ސާފުތާހިރު ތަނަކަށް ހެދުމަށްޓަކައި ހުރިހާ އިދާރާތަކާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

މަދިރި ކެމްޕޭނާ ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ މި ކެމްޕޭންގެ ނަތީޖާ ހާސިލްވިކަމަށް ވާނީ ފަރުދީ ޒިންމާ ނެގުމާއިއެކު ސާފުތާހިރު ކަމަށް އިސްކަންދީގެން މަސައްކަތް ކޮށްގެން ކަމަށެވެ.