ހަބަރު

ފައިތިލައިގައި އަޅާފައި އޮތް މަލަން ކޮޅަކުން ޑްރަގް ހޯދައިފި

ފައި ތިލައިގައި އަޅާފައި އޮތް މަލަން ގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަލަންގަނޑެއް ތެރެއަށް ލައި ފޮރުވާފައި އޮތް މަސްތުވާތަކެތި ފެނިފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 10:25 އެހާކަން ހާއިރު، ފޮރިން މިނިސްޓްރީ ކުރިމަތިން ހިނގާފައި ދިޔަ ދެ މީހަކު ހިފަހައްޓައި ފާސްކުރުމުގެ ތެރޭގަ އެވެ. އެ މަލަންގަނޑުގެ ތެރެއަށް ލައި ފޮރުވާފައި ހުރި، ބްލެޓް ސައިޒްގެ ހަތަރު ޕެކެޓް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 17 އަހަރުގެ ކުއްޖަކާއި 29 އަހަރުގެ ފިރިހެނެކެވެ. އަދި މިދެމީހުންގެ ބަންދަށް މިހާރު ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.