އެޗްއާރްސީއެމް

އެޗްއާރްސީއެމްއާއި ޓީއެމް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެއްޖެ

Jan 6, 2022

އިންސާނީ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ އެވެ.

އެޗްއާރްސީއެމުން ބުނީ ދެ ފަރާތުގެ މެދުގައި ސޮއިކުރެއްވުނު އެއްބަސްވުމަކީ އެ ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޖަމިއްޔާ ޖަމާއަތްތަކާ ގުޅުން ބަދަހިކޮށް، ޖަމިއްޔާތައް ބާރުވެރިކުރުވުމަށް ހިންގާ ހަރަކާތްތަކުގެ ދަށުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ދެފަރާތް ގުޅިގެން އިންސާނީ ހައްގުތަކަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި މުޖުތަމައުގެ އާންމު މަސްލަހަތުތައް ކުރިއެރުވުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

އެގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ކްލަބްތައް ހަރުދަނާކުރުމަށާއި، ކްލަބްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ސްޓަޑީ ކޭމްޕެއް ބޭއްވުމާއި، މޮޑެލް ޕާލިމަންޓެއް ބޭއްވުމާއި، ކުރެހުމުގެ މުބާރާތެއް ބޭއްވުމާއި އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ޖަމިއްޔާތަކާ އެކު ހިންގާ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ހަމަޖައްސާފައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ ޓްރާންސްޕޭރަންސީއާ އެކު ސޮއި ކުރި ފަދަ އެއްބަސްވުންތައް މަދަނީ ބައެއް އެހެން ޖަމިއްޔާތަކާ އެކު ވެސް ހަދާނެ ކަމަށެވެ.

އެޗްއާރްސީއެމް އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އަކީ އެ ދެ ފަރާތުގެ މަސައްކަތްތަކާ މެދު އާންމުންގެ ފާޑުކިޔުން އަބަދުވެސް ބޮޑު ދެ ފަރާތެވެ. ހާއްސަކޮށް އެޗްއާރްސީއެމްގެ ގާނޫނުގައި އެ ކޮމިޝަނަށް ލާޒިމްކޮށްފައިވާ ކަންކަން އެ ކޮމިޝަނަށް ނުކުރެވޭކަން އާންމުން ފާހަގަކުރެ އެވެ.