ޔުނައިޓެޑް އަރަބް އެމިރޭޓްސް

ޔޫއޭއީގެ ޝާހީ އާއިލާއާ އެކު ޝެއިހާ ލަތީފާ ރާއްޖޭގައި

Jan 6, 2022
5

ޝެއިހާ ލަތީފާ ހިމެނޭ ގޮތަށް ދުބާއީގެ ޝާހީ އާއިލާގެ ބޭފުޅުންތަކެއް ޗުއްޓީއަށް ރާއްޖެ ވަޑައިގެންފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަމިއްލަ ޖެޓެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ޕްރިންސަސް ލަތީފާ ހިމެނޭހެން ޝާހީ އާއިލާގެ ހަ ބޭފުޅަކު ރާއްޖެ ވަޑައިގެންނެވި އެވެ. އެ ބޭފުޅުން ޗުއްޓީ ހޭދަކުރައްވަން ހަމަޖެހިފައިވަނީ ބ. އަތޮޅުގެ މަތީ ފަންތީގެ ރިސޯޓެއްގަ އެވެ.

އާއިލާގެ ބައެއް ބޭފުޅުންނާ އެކު ޝެއިހާ ލަތީފާ ރާއްޖެ ވަޑައިގެންފައި މިވަނީ އެކަމަނާ ހައްޔަރުކޮށްފައި ހުންނެވުމުން މިނިވަންކަން ގެއްލިވަޑައިގެން އަމިއްލަ ހަށިކޮޅުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވެ ބީބީސީއަށް މިދިޔަ އަހަރު ވީޑިއޯއެއް އިންޓަވިއު ދެއްވި މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވަނިކޮށެވެ.

ޝެއިހާ ލަތީފާގެ ހާލަތާ މެދު ކަނބޮޑުވާ ކަމަށް ބުނެ އދ. އިން މީގެކުރިން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ޝަކުވާ ވެސް ހުށަހަޅާފަ އެވެ. އަދި އެކަމަނާ ދިރި ހުރިކަން ސާބިތު ކޮށްދިނުމަށް ވެސް އެދިފައިވެ އެވެ. އެ މައްސަލަ ހޫނުވުމުން ޔޫއޭއީން ފަހުން ވަނީ ޝެއިހާ ލަތީފާ މިނިވަންކަމާ އެކު އުޅޭ ވީޑިއޯ އެއް އާންމުކޮށްފަ އެވެ.

އުމުރުފުޅުން 35 އަހަރުގެ ޝައިޚާ ލަތީފާ އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ނައިބް ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަރިކަނބަލެކެވެ. އެކަމަނާ ދުނިޔޭގެ ސަމާލުކަން ހޯއްދަވާފައިވަނީ ފެބްރުއަރީ 2018 ގައި ދުބާއީން ފިއްލަވަން ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ.

ދުބާއީގެ ޝާހީ އާއިލާގެ ބޭފުޅުންގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު ފިލްމީ ތަރިންނާއި އެކި ކުޅިވަރުތަކުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިން ވެސް މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެެވެ.