ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވާންގް ޔީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާލޭގައި ކުރިއަށްދާ ހަރަކާތްތަކާ ގުޅިގެން ބައެއް މަގުތައް ބަންދު ކުރަން ނިންމައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ޗައިނާގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅާ ދިމާކޮށް ޖަނަވަރީ 8 ވަނަ ދުވަހުގެ 12:00 އިން ފެށިގެން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތައް އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި ހުރި ޕާކިން ޒޯންތަކުގައި ޕާކު ކުރުން މަނާ ކުރެވި އެ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ އެ ޒޯންތަކުގައި ހުރި އުޅަނދުތައް މާދަމާ ރޭގެ 8:00 ގެ ކުރިން ނަގައި ޒޯންތައް ހުސްކޮށް ދޭން އެދޭ ކަމަށެވެ.
މީގެ އިތުރުން، ޗާޓުގައި ފާހަގަކޮށްފައިވާ ފަޅުގެ ސަރަހައްދުވެސް ބަންދުކޮށް އުޅަނދުތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ހުރި އާންމު ހުރިހާ އުޅަނދުތައް ޖަނަވަރީ 8 ވަނަ ދުވަހުގެ 6:00 ގެ ކުރިން ނަގައި ދިނުމަށްވެސް އެދިފައިވެއެވެ.
ވާންގް ޔީ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިއަދު ބުނީ ވާންގް ޔީގެ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.
އެމްބަސީން ބުނީ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ބައިނަލްއަގްވާމީ ގުޅުންތަކާ ގުޅޭގޮތުން ދެ ގައުމުގެ ވިސްނުންތައް ހިއްސާ ކުރާނެ ކަމަށެވެ.
ވަންގް ޔީގެ ދަތުރުފުޅުގައި ދިވެހި ސަރުކާރާ އެކު އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަކަށް ބުނެފައެއް ނުވެ އެވެ.
ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ އޮކްޓޫބަރު 14، 1972 ގައެވެ. މިއަހަރަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދަތުރުފުޅުގައި ރަންޔޫބިލްގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައި ދެއްވާނެ އެވެ.