ހަބަރު

މާލެއިން ބިން ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައި

މާލޭ ހުޅަނގު ދެކުނުން ބަންދަރު ހިމެނޭ ގޮތަށް ބިން ހިއްކައިގެން ފަށާ ޕްރޮޖެކްޓް އަންނަ އަހަރުޣޭ ކުރީކޮޅު ފަށާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ. އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ.

މާލޭ ހުޅަނގު ދެކުނު ސަރަހައްދުން ގާތް ގަނޑަކަށް 3.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީ އިން ނިންމާފަައިވަނީ އެ ބިމުގައި ކުނި މެނޭޖު ކުރާ ނިޒާމެއް ގާއިމްކޮށް ކުނި ކޮށްޓާއި މާލޭއެކި ހިސާބުގައި ހުންނަ ކެރޭނު ފަދަ ބޮޑެތި ވެހިކަލްތަކާއި ވޯކްޝޮޕްތައް އެ ސަރަހައްދަށް ބަދަލު ކުރުމަށެވެ.

މި ޕްރޮޖެކްޓާއި ބެހޭގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ މާލެއިން ބިން ހިއްކުމުގެ ބިޔަ ޕްރޮޖެކްޓު ފެށުމައްޓަކައި މިހާރު ކުރަމުންދާ މަސައްކަތަކީ އެކަމުގެ އީއައިއޭ ހެދުމާއި އިންޖީނިއަރިންގެ މަސައްކަތް ކަމަށެވެ. އަދި އަދި އެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ މާލޭ ހުޅަނގުދެކުނު ފަރާތުން ބިން ހިއްކުމުގެ މަސައްކަތުގެ އީއައިއޭ ހަދަމުން. އަދި އެމަސައްކަތް ނިމި މި ލަފާ ކުރަނީ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ޖެނުއަރީ ނުވަތަަ ފެބްރުއަރީގައި ފެށޭވަރުވާނެ ކަމަށް،" މުއްތަލިބު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ ބިން ހިއްކުމުގެ މަސައްކަތުގައި ބޭރުން ބޮޑު ހިލަ ގެނައުމާއި އާ ތޮށިގަނޑެއްލުމުގެ މަސައްކަތް ވެސް ކުރަން ޖެހެ ކަމަށެވެ. އަދި މި ބިޔަ ޕްރޮޖެކްޓައް ދައުލަތުގެ ބަޖެޓުން ހޭދަވާ ވަރު ބުނަން އިންގޭނީ އީއައޭ ހަދާ ނިމުނީމަ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.