ފާފަތަކަށް އަރައިގަތުމަކީ އަބާއްޖަވެރިކަމާއި، ނުބައިކަން އެތައް ގޮތަކުން ކުރިމަތިކުރުވާ ކަމެކެވެ. އޭގެ އަސަރު މުޖްތަމަޢުތަކަށާއި ވަކިވަކި ފަރުދުންނަށްވެސް ނުހަނު ބޮޑެވެ. އުރެދުންތެރިކަމާއި ފާފައިގެ ޢުޤޫބާތް ދުނިޔޭގައިވެސް ކުތިމަތިވެއެވެ. އޭގެ ތެރޭގައި، ޢިލްމުން މަޙްރޫމް ވުމާއި، ރޯދިބަރަކާތް އުނިވުމާއި، ބަލިތަކާއި ވަބާތަށް ގިނަވުންފަދަ ކަންކަން ހިމެނެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَلَنَبْلُوَنَّكُمْ بِشَيْءٍ مِّنَ الْخَوفْ وَالْجُوعِ وَنَقْصٍ مِّنَ الأَمَوَالِ وَالأنفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ﴾ (البقرة 155) މާނައީ: "ހަމަކަށަވަރުން ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނާއި، މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުން މެދުވެރިކުރައްވައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ!"
ދުނިޔެމަތީގައި ކުރިމަތިވާ ހުރިހާ އިމްތިޙާނުތަކެއްގެ ތެރެއިން އެންމެ ނުރަކާތެރިކަން ބޮޑުކަމަކީ، އުރެދުންތަކަށް އަރައިގަތުމާއި ފާފައިގެ ސަބަބުން ހެޔޮ ޢަމަލުތަކުން މަޙްރޫމު ކުރެއްވުމެވެ.
އަލްޙަސަނުލް ބަޞަރީ رحمه الله ވިދާޅުވެފައިވެއެވެ.
"އަޅުތަކުންކުރެ މީހަކު ފާފައަކަށް އަރައިގެން ކަމަށްޓަކައި، އޭނާ ކޮށް އުޅުނު ރޭ އަޅުކަމުން މަޙުރޫމުވެދެއެވެ." އެބަހީ: ރޭއަޅުކަން ކޮށްއުޅެފައި، ކަންނެތްވެ، ނުވަތަ އެނޫން ކަމެއް މެދުވެރިވެގެން ނަމަވެސް އެއަޅުކަމާއި ދުރަށް ޖެހެވުމުގެ ސިއްރަކީ ފާފަތަކަށް އަރައިގަނެވުމެވެ.
މީހަކު އައިސް އަލްޙަސަން رحمه الله ގެ އަރިހުގައި ދެންނެވިއެވެ. "އަޅުގަނޑު ރޭގަނޑު، އެއްވެސް ބަލިމަޑުކަމެއްވެސް ނެތް ޙާލުގައި، ރޭއަޅުކަން ކުރާހިތުން، ވުޟޫވެސް ކޮށް ހަދައިގެން އޮންނަމެވެ. އެހެނަސް ދަމުނަމާދަށް ތެދުވެވޭ ގޮތެއް ހަމަ ނުވަނީ ކީއްވެ ހެއްޔެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "ތިބާގެ ފާފަތަކުގެ ސަބަބުން ތިބާވަނީ ބަންދުވެފަ އެވެ."
ފާފައިގެ ސަބަބުން ހެޔޮ ޢަމަލުތަކުން މަޙްރޫމުވެފައިވަނީ ކިތައް ކިތައް މީހުން ހެއްޔެވެ؟ ނަމާދުކުރުމާއި، ރޯދަހިފުމާއި، ކީރިތި ޤުރްއާން ކިޔެވުންފަދަ ހެޔޮ ޢަމަލުތައް ކުރުމަށް ކަންނެތްވެ، ބުރަހެލިވާނަމަ އަމިއްލަ ނަފްސުގެ ޙާލާމެދު ވިސްނައި، ތިމާގެ ކިބައިގައި އިޞްލާޙު ކުރަންޖެހޭ ކަންކަން ހުރިތޯ ބަލައި، ތައުބާވާން ޖެހޭނެއެވެ.
ފާފައިގެ ތެރެއިން އެންމެ ނުބައިކަން ބޮޑު އެއްކަމަކީ މުނާފިޤު ކަމެވެ. މުނާފިޤުން، ހެޔޮ ޢަމަލުތަކުން މަޙްރޫމުވެފައިވާކަން އަންގަވަމުން މާތް ﷲ ވަޙީކުރައްފައިވެއެވެ. ﴿ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَى يُرَاؤُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا ﴾ (النساء 142) މާނައީ: "އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ."
މުނާފިޤުންނަށް އެންމެ ބުރަ ނަމާދަކީ ޢިޝާ ނަމާދާއި ފަތިސް ނަމާދު ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ. އެހެނީ، ކަރަންޓުގެ އަލިކަން ދުނިޔޭގައި ނެތް އެފަދަ ޒަމާނެއްގައި، އެންމެ އަދިރިކަން ގަދަ ވަގުތުގައި ކުރާ އެ ދެނަމާދަކީ، މީސްތަކުންނަށް އެނަމާދަށް ދަނީ ކޮން ބައެއްކަން ނޭނގޭ ދެނަމާދެވެ. ވީމާ، މީސްތަކުންނަށް ކަންދެއްކުމަށް ނަމާދުކުރާ ބަޔަކަށް އެންމެ ބުރައީ އެ ދެނަމާދުކަމުގައި ވިއެވެ.
ހެޔޮ ޢަމަލުތަކުގެ ސަބަބުން އިތުރު އެހެން ހެޔޮ ކަންކަމާ ގާތް ކޮށްދޭފަދައިން، ފާފައިގެ ސަބަބުން އިތުރު ފާފަތަކަށް މަގުފަހިކޮށްދެއެވެ. މި ސަބަބަށްޓަކައި ދޮގު ހެދުމުން އެކިބާވުމަށް އިތުރު އެކަލޭގެފާނުވަނީ ވަޞިއްޔަތް ކުރައްވާފައެވެ. އެހެނީ ދޮގުވެރިކަން މަގުދައްކަނީ ފާޖިރު ފާސިޤު ކަމާއި އުރެދުމަށެވެ. އަދި އުރެދުންތައް މަގުދައްކަނީ ނަރަކައިގެ އަލިފާނަށެވެ.
އަޅުތަކުންނަށް ދުނިޔޭގައި ލިބޭ އެންމެ ބޮޑު ޢުޤޫބާތަކީ، ޙައްޤާއި ބާޠިލު އޮޅި، ހެޔޮ ޢަމަލުތަކުން މަޙްރޫމު ވުމެވެ. އެހައިރުން، ހެޔޮ ކަންކަމުންގެ މަތީން ފޫހިވެ، ފާހިޝް ޢަމަލުތަކާއި މުންކަރާތްތަކަކީ މުނިފޫހިފިލުވައިދޭ، ހިތްހަމަޖެހުން ލިއްބައިދޭ ކަންކަމަށްވެގެން ދެއެވެ.
ބައެއް ދަންނަބޭކަލުން ވިދާޅުވެފައިވެއެވެ. ޚުޝޫޢަތްތެރިކަމާއި ހިތުގެ މަޑުމޮޅިކަން ނެތި ދިޔުމަކީ ދުނިޔޭގައި ހެޔޮ ކަމުން މަޙްރޫމު ކުރެއްވުމުގެ ޢަލާމާތެކެވެ. އަޅުކަން ކުރުން މަދުވުމާއި، ގިނަވަގުތު އަޅުކަމުގައި ދެމިހުރުމަކީ ތިމާގެ ނަފްސަށް ބުރައަކަށްވުމަކީ ހެޔޮ ކަމުން މަޙްރޫމު ކުރެއްވުމުގެ ޢަލާމާތެކެވެ. މާތް ﷲ ގެ ބަސްފުޅުތައް އިވޭހިނދު، އެއާމެދު ވިސްނައި ފިކުރު ކުރުމުން އެއްކިބާ ކުރެއްވުމާއި، ތިމާގެ ދެލޮލުން ކަރުނަ ހިކިފައިވުމަކީ ހެޔޮކަމުން މަޙްރޫމު ކުރެއްވުމުގެ ޢަލާމާތެކެވެ. ހިތް ހަރުކަށިވުމާއި، ހެޔޮ ބަސްތަކާއި ނަޞީޙަތް އަޑުއިވުމުން ހިތަށް އެއްވެސް އަސަރެއް ނުކުރުމަކީވެސް ހެޔޮކަމުން މަޙްރޫމު ކުރެއްވުމެކެވެ. ހެޔޮކަމުން މަޙްރޫމުވެފައިވާ އެތައް ބަޔަކުވެއެވެ. ނަމަވެސް އެމީހުންނަސް އެކަން އިޙްސާސް ނުވަނީއެވެ.
މާތް ﷲ ޙަރާމް ކުރެއްވި މަންޒަރަތައް ބެލުމަކީ، އެލޮލުގެ ކަރުނަ ހިކޭ ކަމެކެވެ. ފަތިސް ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވެވުމަކީ މޫނުމަތީގެ އަލިކަން ފަނޑުކޮށްލާ ކަމެކެވެ. ޙަރާމް ގޮތުގައި މުދާ ހޯދުމަކީ ބަރަކާތް ކެނޑޭކަމެކެވެ. ޙަރާމްކުރެއްވި އަޑުތަކާއި ރާގުތައް އެހުމަކީ ޤުރްއާނު ކިޔެވުމުން އެއްކިބާކުރުވާ ކަމެކެވެ. ހިތުގައި ދުނިޔޭގެ ލޯބި ބޮޑުވުމަކީ އާޚިރަތުގެ މަތީން ހަނދާން ނައްތުވައިލާ ކަމެކެވެ.
ވީމާ، ތިމާގެ ޙާލާމެދު ވިސްނައި، ހެޔޮ މަގަށް ރުޖޫޢަވާށެވެ! ހެޔޮ ޢަމަލުކުރުން ގިނަ ކުރާށެވެ! މާތް ﷲ ހަނދުމަކުރުން އިތުރުކުރާށެވެ! ނަފްސު އިޞްލާޙުކޮށްދެއްވުން އެދި ތައުބާވާށެވެ! ދީންމަތީ ހިތް ސާބިތުކޮށްދެއްވާތޯ ގިނަގިނައިން ދުޢާކުރާށެވެ!