ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ކޮމަންޑޫ އަށް ފުރާވަޑައިގެންފި

Jan 7, 2022
2

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމަންޑޫ އަށް ވަޑައިގަތުމަށްޓަކައި ފުރާވަޑައިގެންފި އެވެ.

ރާޝިދުގެ ކެމްޕޭން ލޯންޗްކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިރޭ 8:45 ގައި ކޮމަންޑޫގަ އެވެ.

ރައީސް ސޯލިހް ކޮމަންޑޫ އަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރާޝިދަކީ ށ. ފޯކައިދޫ ކައުންސިލްގެ ރައީސް ކަން މިދިޔަ ތިން ދައުރު ކުރެއްވުމަށްފަހު މިހިނގާ ދައުރުގައި ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އެެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ހުސައިން ވަހީދު ކޮމަންޑޫ ދާއިރާގެ ގޮނޑި އޭރު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވީ އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް 332 ވޯޓްގެ ބޮޑު ތަފާތަކުން ބަލިކުރުމަށްފަހު އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.