ނައިބު ރައީސަކު ހަމަޖެހެންދެން ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ޗެއާ އަކަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސަވައިފި އެވެ.
ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން ހިންގާ އެ ކައުންސިލްގެ ޗެއާ ކަމަށް އުމަރު ނަސީރު އައްޔަންކުރައްވާފައިވާ ކަން، އެމިނިސްޓްރީން ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ކަށަވަރު ކޮށްދީފަ އެވެ.
ގައުމަށް ގައްދާރުވި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް މަގާމުން ވަކި ކުރިފަހުން އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފަ އެއް ނުވެ އެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާ ބެހޭ ރަސްމީ އެއްވެސް ވާހަކަފުޅެއް ސަރުކާރުން ވެސް ހާމަކޮށްފަ އެއް ނުވެ އެވެ.
ނައިބު ރައީސްގެ ބެލުމުގެ ދަށުން ހިންގާ ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ޗެއާ އަކަށް މިނިސްޓަރު އުމަރު ނަސީރު މިއަދު ހަމަޖައްސަވާފައިވާ އިރު، އެމަނިކުފާނު މިއަދު ވަނީ ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ވެސް ހަވާލުވެވަޑައިގަންނަވާފަ އެވެ.