ދުނިޔެ

ކަޒަކިސްތާންގައި އަމަން ބަލަހައްޓަން ޗައިނާ އެހީވާނެ

ކަޒަކިސްތާންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް މައިތިރިކޮށް އަމަން އަމާންކަން ދެމެހެއްޓުމަށް ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) އެހީތެރިވާނެ ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވިދާޅުވި ގޮތުގައި، އެކުވެރި ދައުލަތްތައް ރޫޅިގެން ދިއުމަށް ޗައިނާ ސަޕޯޓެއް ނުކުރާނެ އެވެ. މެމްބަރު ގައުމުތަކުގައި ހަމަނުޖެހުން ބޮޑުވެ އުތުރިއަރާއިރު މަސްހަލަތުގެ ހިމާޔަތުގައި ޗައިނާ ނުކުންނާނެ އެވެ.

ވަންގް ވެންބިން ވިދާޅުވީ އެސްސީއޯ މެމްބަރެއްގެ ހައިސިއްޔަތުން ކަޒަކިސްތާނަށް އެހީވުމަށް ޗައިނާ ތައްޔާރު ކަމަށެވެ.

ކަޒަކިސްތާނަކީ އެސްސީއޯ މެމްބަރު ގައުމެކެވެ. މި އޮގަނައިޒޭޝަންގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ކްރިގިސްތާން، ރަޝިއާ އާއި ޕާކިސްތާން، ތަޖިކިސްތާން އަަދި އުޒްބެކިސްތާން ހިމެނެ އެވެ.

ޗައިނީޒް ޑެއިލީ ގްލޯބަލް ޓައިމްސްއަށް ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި ގޮތުން ކަޒަކިސްތާންގެ ހާލަތު މެމްބަރު ގައުމުތަކުން ވަރަށް ގާތުން ބަލާނެ އެވެ. އަދި ހާލަތަށް ބަލައި ދައުލަތުގެ ހިމާޔަތުގައި ނުކުންނާނެ އެވެ.

ބީޖިންއިން މިފަދައިން ބަޔާނެއް ނެރުނު ސަބަބަކީ ކަޒަކިސްތާނާއެކު ޗައިނާ އޮތްކަން ސާބިތުކޮށް ދިނުމެވެ. އެހެން ނަމަވެސް، ކަޒަކިސްތާންގެ ރައީސް، ގާސިމް ޒަމާރުތު ތަކަޔޭފް ވިދާޅުވި ގޮތުގައި މަޑުމަޑުން ގައުމު އަންނަނީ ހަމަޖެހެމުންނެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމަށް ކަޒަކިސްތާނުން މަަސައްކަތްތަކެއް ކުރާކަން ޗައިނާއަށް އެނގެ އެވެ. އަދި ޓެރަރިސްޓުންގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ސަރުކާރުން އެހީތެރިކަން ހޯދާކަން ވެސް އެނގެ އެވެ.

ޗައިނާއިން ބުނީ ބޭރު އެއްވެސް ގައުމަކުން ކަޒަކިސްތާންގެ އަމަން ނަގާލަން ރާވާފައި އޮތް ނަމަ އެބަޔަކު ހިތާމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި ކަޒަކިސްތާންގައި އަމަން ދެމެހެއްޓުމަށް އެހީތެރިވެދޭ ގައުމުތަކުގެ ލިސްޓްގައި ޗައިނާ އޮންނާނެ ކަމަށެވެ.

ޗައިނާގެ ރައީސް، ޝީ ޖިންޕިން ވަކި ނެރުއްވި ބަޔާނެއްގައި ވެސް ކަޒަކިސްތާނަށް އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ކަޒަކިސްތާންގައި ކުއްލިއަކަށް އުފެދިގަތް ނުތަނަވަސްކަން ހައްލު ކުރުމަށް ގާސިމް ގެންގުޅުއްވާ ސިޔާސަތަށް ޝީ ޖިންޕިން ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވަނީ ހެޔޮބަސް ވިދާޅުވެފަ އެވެ.