ބޮލީވުޑް

މިއަހަރު އެންމެ ވިދާލާނީ ކްރީތީ ސެނޯން

ކްރީތީ ސެނޯންގެ "މިމީ" އަށް ލިބުނު ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބާއެކު ބޮލިވުޑްގައި އެންމެ ގަދަޔަށް ފިޔަޖަހާ އެއް ބަތަލާއަށް ކްރީތީ ސެނޮން ވެއްޖެ އެވެ. އަދި އިންޑަސްޓްރީގެ ބައެއް މީހުން ލަފާ ކުރާ ގޮތުގައި މިއަހަރު ވެގެން ދާނީ ކްރީތީގެ ފިލްމީ ކެރިއަރުގެ އެންމެ އުޖާލާ އަހަރަށެވެ.

ކްރީތީ ވެސް ގަބޫލު ކުރަނީ މިގޮތަށެވެ. ސަބަބަކީ އޭނާގެ އުމުރުގެ ގިނަ ބަތަލާއިންގެ އަތުގައި މި ވަގުތު އޮތީ ދެ ތިން ފިލްމަކަށް ވާއިރު ބޮޑު ބަޖެޓް ފަސް ފިލްމެއްގެ މަސައްކަތް ކްރީތީ މިހާރު ވެސް ކުރަމުން ދާތީ އެވެ.

ކްރީތީ ބުނި ގޮތުގައި 2021 އަކީ ވެސް އޭނާގެ ކެރިއަރަށް ބޮޑު ކުރިއެރުމެއް ހޯދުނު އަދި ވަރަށް ހިތްހަމަޖެހޭ މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ. "މިމީ" ބެލި މީހުން އެ ފިލްމަށާއި އޭނާގެ އެކްޓިންއަށް ކުރި ތައުރީފު އަޑު އަހާފައި އުފަލުން ފޮޅުނު ކަމަށާއި އަދި އިތުރު ހިތްވަރާއެކު އެއަށް ވުރެ ވެސް ރަނގަޅު މަސައްކަތްތަކެއް ކުރަން ހިތްވަރު ލިބުނުކަމަށް ކްރީތީ ބުންޏެވެ.

މިއަހަރު ތެރޭގައި ކްރީތީގެ ގިނަ ފިލްމުތަކެއް ރިލީޒް ކުރުމަށް ދަނީ ތައްޔާރު ކުރަމުންނެވެ. މިއިން ކޮންމެ ފިލްމަކީ ވެސް ބޮޑެތި އެކްޓަރުން އުޅޭ އަދި ކްރީތީ އަށް ވަރަށް ރަނގަޅު ކެރެކްޓާތަކެއް ކުޅެން ލިބިފައިވާ ފިލްމުތަކެވެ.

ކްރީތީ ބުނި ގޮތުގައި އޭނާ އެންމެ އުފާވަނީ އޭނާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރެއިން ކޮންމެ ފިލްމަކީ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމުތަކަށް ވާތީ އެވެ.

އޭގެ ތެރެއިން "އަޑިޕުރުޝް" އަކީ ސައުތު އިންޑިއާގެ ސުޕަސްޓާ ޕްރަބާސް އާއެކު ކްރީތީ ކުޅޭ ފިލްމެކެވެ. ދެން އޮތީ އަކްޝޭ ކުމާރާއެކު ކުޅޭ "ބައްޗަން ޕާންޑޭ" އެވެ. ޓައިގާ ޝްރޮފް އާއެކު "ގަންޕަތު"ގެ މަސައްކަތް ފަށާފައިވާއިރު "ބީޅިޔާ" ގައި ކްރީތީގެ ކޯސްޓާރަކީ ވަރުން ދަވަން އެވެ. އަދި ކާރްތިކް އާރްޔަން އާއެކު "ޝެހެޒާދޭ" ގައި ވެސް ކްރީތީ މުހިއްމު ރޯލެއް ކުޅެ އެވެ.