ބޮލީވުޑް

"ގަންޕަތު"ގައި ކްރީތީ ކުޅޭ ޖައްސީ ކެރެކްޓާ ދައްކާލައިފި

"ގަންޕަތު" ގައި ކްރީތީ ސެނޯން ކުޅޭ ޖައްސީ ކެރެކްޓާ މިދިޔަ ބުދަ ދުވަހު ސޯޝަލް މީޑިއާގައި ތައާރަފު ކޮށްފި އެވެ. އެ ފިލްމުގެ ކުރު ޓީޒާއެއް ރިލީޒް ކޮށްފައިވާއިރު ކްރީތީ އިންނަނީ ސައިކަލެއްގައި އިށީނދެގެނެވެ.

"މީޓް ޖައްސީ" ޓައިގާ ޝްރޮފް ބަތަލުގެ ބައި ކުޅޭ މި އެކްޝަން ތުރިލާގެ ޓީޒާ ޝެއާ ކުރަމުން ކްރީތީ ލިޔެފައި ވެއެވެ.

ކްރީތީ ބުނި ގޮތުގައި އޭނާގެ "ހީރޯޕަންތީ" ކޯ-ސްޓާ ޓައިގާ އާއެކު އިތުރު ފިލްމެއް ކުޅެލަން ލިބުމުން އޭނާ ހުރީ ވަރަށް އުފާވެފަ އެވެ. އަދި ފިލްމުގެ ޝޫޓިން ފެށޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ކަމަށް ވެސް ކްރީތީ ބުންޏެވެ.

"ގަންޕަތު" ޑައިރެކްޓްކުރަނީ ވިކާސް ބާލް އެވެ. ޕްރޮޑިއުސަރުންނަކީ ޕޫޖާ އެންޓަޓައިންމަންޓާއި ގުޑް.ކޯ ޕްރޮޑަކްޝަން އެވެ.

ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާއިރު ފިލްމު ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ.

ކްރީތީ ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވާ ގޮތުގައި ހަތް އަހަރުގެ ދިގު މުއްދަތަކަށް ފަހު ޓައިގާ އާއެކު ފިލްމެއް ކުޅެން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މި ފިލްމުގައި އޭނާ ކުޅެނީ ކުރިން ކުޅެފައި ނުވާ ކަހަލަ އެކްޝަން ހިމެނޭ ރޯލެކެވެ.

ޑައިރެކްޓަރު ވިކާސް ބުނި ގޮތުގައި "އެކްޝަން ހިރޮއިން"އެއްގެ ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް ކްރީތީގެ ކިބައިގައި ހުރި ކަމަށް އޭނާ އާއި ޓައިގާ ގަބޫލު ކުރެ އެވެ. އެ ފިލްމަށް ކްރީތީ ހޮވީ އެހެންވެ އެވެ.
"ގަންޕަތު" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.