ޓެކްސީގެ ހިދުމަތް

ޓެކްސީ މައްސަލަ ހައްލުނުވެ ގޯހުން ގޯހަށް

Jan 9, 2022
14

އައިޖީއެމްއެޗުގައި ވިހެއި އަލަތު ދަރިފުޅާއެކު ދެ މަފިރިއެއް އެ ހޮސްޕިޓަލް ދޮރުމަތީގައި ހަދާފައިވާ ޓެކްސީ ކިޔޫގައި މަޑުކޮށްލައިގެން ތިއްބެވެ. އެ މީހުން އެ ތަނުގައި ތިބޭތާ ގަޑިއެއްހާއިރު ވެގެން ދިޔައިރު ވެސް އެ ކިޔޫ އަށް އަންނާނެ ޓެކްސީއެއް ނުލިބުނެވެ. އެންމެ ފަހުން ގޮތް ހުސްވެގެން ގަދަ އަވީގައި ތުއްތު ދަރިފުޅާއެކި ގެއާ ދިމާލަށް ހިނގާފައި ދާން ނިންމީ އެވެ. މާލެ ތެރެއަށް ބަލާއިރު ޓެކްސީއަށް އަތް ނަގައިގެން ތިބޭ ގިނަ ބަޔަކު މިހާރު ފެނެ އެވެ. އެކަމަކު ގިނަ ބައެއްގެ ޝަކުވާ އަކީ ޓެކްސީއެއް ނުލިބުމެވެ. ގުޅައިގެން ފޯނެއް ނުނަގަ އެވެ. ނަމްބަރު އޮންނަނީ ބިޒީވެފަ އެވެ.

މި ވަނީ ކިހިނެއް ހެއްޔެވެ؟ މާލެ އަށް އެކަށީގެންވާ ވަރަށް ޓެކްސީ ނެތީ ހެއްޔެވެ؟ ޓެކްސީ މަދީ ހެއްޔެވެ؟ މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟

މާލެ ތެރެ އަށް ލިބޭ ޓެކްސީ މަދު

ޓެކްސީގެ ދަތުރުތައް ފަސޭހަ ކުރަން ސަރުކާރުން ގިނަ ފިޔަވަޅު ތަކެއް އަޅައިފި އެވެ. މިގޮތުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް މޮބައިލް އެޕްތައް މެދުވެރިކޮށް ދަތުރު ނެގޭނެ ގޮތް ހަދައިފި އެވެ.

ޕްރައިވެޓް މީހުންނަށް ރަޖިސްޓްރީކޮށްލައިގެން "ޕްރައިވެޓް ހަޔާ" ދެވޭނެ ގޮތް ހަދައިފި އެވެ. އެކަމަކު ޓެކްސީ އެއް ނުލިބެ އެވެ. މިކަމުގެ ޝަކުވާ އާއްމުން ދަނީ ކުރަމުންނެވެ. ހާއްސަކޮށް ޗުއްޓީއާ ދިމާކޮށް މާލެ އަށް ގިނަ ބަޔަކު އެރުމާއެކު މި މައްސަލަ ވަނީ އިތުރަށް ގޯސްވެފަ އެވެ.

"އެއްވެސް ޓެކްސީ ސެންޓަރަކުން ޓެކްސީއެއް މިހާރަކު ނުލިބެ. ހާއްސަކޮށް ހަވީރުގެ ގަޑިތަކުގައި ހުރިހާ ނަމްބަރެއް ވެސް ހުންނަނީ ބިޒީކޮށް،" ޓެކްސީ ހޯދަން މަގުމަތީގައި މަޑުކޮށްލައިގެން ހުރި އައިމިނަތު އަލީ އޭނާގެ ޝަކުވާތައް ބަންޑުކޮށްލި އެވެ.

މާލެ އަށް ބަލާއިރު 600 އެއްހާ ޓެކްސީ ދުއްވަ އެވެ. ނަމަވެސް މިއީ ހަމައެކަނި ނަމްބަރެކެވެ. މި އަދަދަށް ޓެކްސީ އަބަދު ހިދުމަތުގައި ތިބޭތޯ މިއީ ސުވާލެކެވެ. ނަމަވެސް ޓެކްސީ ސެންޓަރުތަކުން ބުނަނީ އެ މީހުންގެ ފުލް ކެޕޭސިޓީގައި ހިދުމަތް ދެމުންދާ ކަމަށެވެ. މައްސަލަ އަކީ މާލޭގެ އާބާދީ ބޮޑުވުމާއެކު ޓެކްސީ އެކަށީގެންވާ ވަރަށް ނުލިބުން ކަމަށެވެ.

ހާއްސަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހި ހުޅުވުމާއެކު ޓެކްސީއަށް އޮތް ޑިމާންޑް ވަނީ އިތުރުވެގެން ގޮސްފަ އެވެ. އަދި ގިނަ ޓެކްސީތަކެއް ދުވަހުގެ ގިނަ ވަގުތުތަކުގައި ހާއްސަކޮށް ހަވީރުގެ ވަގުތުތަކުގައި ހުޅުމާލެ ދަތުރު ނެގުމަކީ ވެސް މާލޭގައި ޓެކްސީ ނުލިބުމުގެ ސަބަބެކެވެ.

"މާލެތެރޭގައި ޓެކްސީ ދުއްވުމަކީ މިހާރު ކުރެވޭ ވަރުގެ ކަމެއް ނޫން. ދަތުރަކަށް އެބަނަގާ 30 މިނެޓް ވަރު. އެހެންވެ ހުޅުމާލޭގައި މި އޮންނަނީ. މިތަނުގައި ދަތުރު ކުރީމަ ހައްޓަން ފަސޭހަ ވެފައި ގިނަ ދަތުރު ކުރެވޭ،" ޓެކްސީ ޑްރައިވަރެއް ނަން ނުޖެހުމަށް އެދި ބުންޏެވެ.

ގިނަ ޓެކްސީތައް ހުޅުމާލޭގައި؟

މިހާރު ގިނަ ޓެކްސީ ޑްރައިވަރުން މާލެ އަށް ވުރެ ބޮޑަށް ހުޅުމާލޭގެ ދަތުރުތަކަށް ޝައުގުވެރިވުމަކީ ވެސް މާލެ ތެރެއިން ޓެކްސީ ނުލިބުމުގެ ސަބަބެކެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅެން ފެށުމާއެކު ދެ ފިޔަވަހި ދެމެދުގައި ވެސް ގިނަ ދަތުރު ތަކެއް މިހާރު އޮވެ އެވެ. ހާއްސަކޮށް ހިޔާ ފްލެޓަށް ގިނަ ބަޔަކު ދާން ބޭނުންވެ އެވެ.

އެހެންވެ ބައެއް ޓެކްސީތައް މާލޭން ދެވަނަ ފިޔަވައްސަށް ކުރާ ދަތުރަށް 80 ރުފިޔާ ވަރު ނަގަ އެވެ. މި ދަތުރުތައް ވަނީ އެ މީހުންނަށް އިތުރު ފައިސާ ލިބޭ ދަތުރުތަކަށެވެ. އަދި ދެ ފިޔަވަހީގެ ދެމެދުގައި އާއްމު ދަތުރުފަތުރުގެ ރޭޓުންވެސް ގިނަ ދަތުރުތަކެއް ކުރަން މިހާރު ލިބެ އެވެ. އެހެންވެ ގިނަ އަދަދެއްގެ ޓެކްސީ ދުވަހުގެ ގިނަ ވަގުތުތަކެއް ހުޅުމާލޭގައި މަޑު ކުރާކަން ފާހަގަވެ އެވެ. ނަތީޖާއަކީ ޓެކްސީގެ މައްސަލަ މާލޭގައި ގޯސްވުމެވެ. މީގެ ހައްލަކީ ކޮބައި ހެއްޔެވެ؟

ތަޖުރިބާކާރުންގެ ނަޒަރުގައި މާލެ އަށް ދިމާވެފައިވާ ޓެކްސީ މައްސަލައިގެ ހައްލަކީ ރަނގަޅު ޕަބްލިކް ދަތުރުފަތުރު ނިޒާމެއް ގެނައުމެވެ. މިކަން ކުރަން ސަރުކާރުން ވަނީ މިނީބަސް ފަށާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަން ނުފެށި ލަސްވަމުންދާއިރު ރަނގަޅު އާންމު ދަތުރުފަތުރުގެ ނިޒާމެއް މާލެ ތެރޭގައި ފެށިގެން ނޫން ގޮތަކަށް ޓެކްސީގެ މައްސަލައަށް ދާއިމީ ހައްލެއް ނެތެވެ. ސަބަބަކީ ގިނަ ޓެކްސީ ތަކަކީ ޕާޓްޓައިމް ވަޒީފާގެ ގޮތުގައި ކުރާ ކަމަކަށްވުމުން މި ދަތުރުތައް އެފިޝެންޓްކޮށް ކުރެވޭނެ ގޮތެއް ހެދެން ނެތުމެވެ.