ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާ އަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެ އެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ރާއްޖެއާއި ޗައިނާ ސޮއި ކުރީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ހާޒިރުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިއެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ އެވެ.
މިއީ ދިވެހިންނަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ލުއި ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަ ފަސްވަނަ ގައުމެވެ.
މީގެކުރިން އެފަދަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިޔައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، ތައިލެންޑް އަދި މޮރޮކޯ އިންނެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރެއްވި މަޝްވަރާތަކަށްފަހު ސައުދީއަރަބިއްޔާ، އިންޑިއާ އަދި ސްރީލަންކާ އަށް ދަތުރުކުރުމުގައި ވެސް ދިވެހިންނަށް ވިސާގެ ލުއިފަސޭހަ އިންތިޒާމު ތަކެއް ހަމަޖައްސައިދީފައިވެ އެވެ.
ކޮވިޑް-19ގެ ސަބަބުން ޗައިނާއިން މިވަގުތު ދަތުރުފަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވުމާއި އެކު، އޮން-އެރައިވަލް ވިސާ ދޫކުރަން ފަށާނީ އެ ފިޔަވަޅުތަކަށް ލުއި ދިނުމުންނެވެ.