ލައިފްސްޓައިލް

ބައްޕަގެ އެންމެ ފަހު ސިޓީ ކައިވެނީގެ ހެދުމުގައި

ދަރިން ކައިވެނިކުރާތަން ދުށުމަކީ ކޮންމެ މަންމަ އަކާއި ބައްޕައެއްގެ ވެސް ހުވަފެނެކެވެ. ނަމަވެސް ހުރިހާ މީހުންނަކަށް މި ނަސީބެއް ނުލިބެ އެވެ.

އަލަށް ކައިވެނިކުރި އިންޑިއާގެ ޒުވާން އަންހެނެއް ކަމަށްވާ ސުވަންޔާގެ ބައްޕަ އަށް ވެސް އޭނާގެ ދަރިފުޅު ކައިވެނިކުރާތަން ދުށުމުގެ ނަސީބެއް ނުލިބުނެވެ. ކައިވެނީގެ ކުރިން އޭނާގެ ބައްޕަ މި ދުނިޔެ ދޫކޮށްފައިވާތީ އެވެ.

ބައްޕަ މަރުވުމުގެ ކުރިން އޭނާގެ ދަރިފުޅަށް ވަރަށް އަސަރުގަދަ ސިޓީއެއް ލިޔެފައި ވެއެވެ. އެހެންވެ ކައިވެނީގެ ވަގުތުގައި ވެސް ބައްޕަގެ ހަނދާންތައް ދެމެހެއްޓުމަށްޓަކައި ސުވަންޔާ ވަނީ ބައްޕަގެ ސިޓީ އޭނާގެ ކައިވެނީގެ ހެދުމުގެ ދޯޕައްޓާގައި ފަށުވިން ލިޔެފަ އެވެ.

'ހިއުމަންސް އޮފް ބޮމްބޭ' ގައި ސުވަންޔާ ވަނީ އޭނާގެ ބައްޕަ އާ އޮތް ގާތް ގުޅުމުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.

"ބައްޕަގެ ސިޓީ އަހަރެން ކައިވެނީގެ ހެދުމުގެ ދޯޕައްޓާގައި އެމްބްރޮއިޑަރީން ލިޔުނީ. އެއީ މިދިޔަ އަހަރު އަހަރެންގެ އުފަން ދުވަހު ބައްޕަ ލިޔުނު ސިޓީއެއް. އެ ސިޓީގައި ބައްޕަ އާއެކު އަހަރެމެން ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާކޮށްފައިވޭ. އަދި ބައްޕަ އަހަރެން ގެންގުޅުނު ގޮތަށް އެހާ ލޯބިން އަމަން (ސުވަންޔާ ކައިވެނިކުރި އަލަތު ފިރިމީހާ) އަހަރެން ގެންގުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބައްޕަ އެ ސިޓީގައި ލިޔެފައިވޭ. އެ ދުވަހު އަހަންނަށް އެ ސިޓީ ކިޔާފައި ވަރަށް ރޮވުނު. އަދި ބައްޕަ ގައިގައި ބައްދާލައިފައި ވަރަށް ލޯބިވާ ވާހަކަވެސް ބުނިން،" ސުވަންޔާ ކިޔައިދިނެވެ.

ސުވަންޔާ ބުނި ގޮތުގައި އޭނާގެ އާއިލާގެ މީހުން އެކި ސިޓީތަކަށް ދިރިއުޅުން ބަދަލުކުރުމުން ބައްޕައާ އެކު ގޭގައި ދިރިއުޅުނީ އޭނާ އެކަންޏެވެ. އަދި ބައްޕަ އަށް ކެންސަރު ޖެހި އެ ބައްޔާ ހަނގުރާމަކުރަމުން ދިޔަ މަންޒަރު ވެސް އެންމެ ގާތުން ފެނުނީ އޭނާ އަށެވެ. އެހެންވެ ކައިވެނީގެ ދުވަހު ވެސް ބައްޕަ ނެތްކަމުގެ އިހްސާސް ކުރަން ބޭނުން ނުވާތީ ބައްޕަގެ ސިޓީ ދޯޕައްޓާގައި ލިޔުނީ އެވެ.

މި އާޓިކަލް ވައިރަލް ވުމުން އެތައް މިލިއަން ބަޔަކު މިއަށް ލައިކް ދީފައި ވެއެވެ. އަދި އެތައް ހާސް ބަޔަކު ކޮމެންޓް ކޮށްފައި ވެސް ވެއެވެ. އެންމެން ވެސް ބުނަނީ މިއީ ބައްޕަ އަކާއި އަންހެން ދަރިފުޅެއްގެ އޮތް ލޯބީގެ ވަރަށް ރީތި މިސާލެއް ކަމަށެވެ.