އިންސާނެއްގެ ސިފައިގައި ހުންނަން ބޭނުން ނުވާތީ ހަށިގަނޑަށް އެކި ކަހަލަ ބަދަލުތައް ގެނައުމަށް މީހަކު ގިނަ އަދަދެއްގެ ފައިސާ ދަނީ ޚަރަދު ކުރަމުންނެވެ.
ޖަރުމަނުގެ އޯރޭ މައުންޓަންސްގައި ދިރިއުޅޭ މި ފިރިހެން މީހާގެ އިންސްޓަގްރާމް އެކައުންޓްގައި އޭނާގެ އައިޑީ އަކަށް ޖަހާފައިވަނީ 'ބްލެކް ޑިޕްރެޝަން' އެވެ.
އޭނާގެ ހަށިގަނޑުގައި ތަފާތު ވައްތަރުތަކުގެ ޓެޓޫ ޖަހާފައި ހުރުމުން މިހާރު ވެސް އޭނާ އެންމެ ވައްތަރީ ކާޓޫނަކާ އެވެ. މޫނުގައި ވެސް ޕަޒްލް އެއްގެ ޓެޓޫ ޖަހާފައި ހުރުމުން އޭނާގެ އަސްލު ސިފަ މިހާރު ވެސް ވަނީ ގެއްލިފަ އެވެ. މި ޓެޓޫތައް ޖެހުމަށާއި ހަށިގަނޑަށް އެކި ބަދަލުތައް ގެނައުމަށް މި މީހާ މިހާތަނަށް އެތައް ހާސް ޑޮލަރެއް ވަނީ ޚަރަދުކޮށްފަ އެވެ.
މި މީހާގެ ހަށިގަނޑަށް ބަދަލު ގެންނަނީ ހަމައެކަނި ބޭރު ހަންގަނޑަށް އެކަންޏެއް ނޫނެވެ. ލޮލު ތެރެއަށާއި ލޮލުގެ ބޮނޑިއަށް ވެސް ބަދަލު ގެނެސްފައި ވެއެވެ. އަދި ދަތްތައްވެސް ވަނީ ޓައިޓޭނިއަމް އިން ކަވަރު ކޮށްފަ އެވެ.
އުމުރުން 28 އަހަރުގެ މި ޒުވާނާގެ ނޭފަތު ކަށިގަނޑާއި ކަންފަތު ފޫޅު ވެސް ތޮރުފައި އެތަންތަނުގައި ވެސް އެއްޗެތި އެލުވާފައި ވެއެވެ.
ޖަރުމަނު އާޓިސްޓް ބުނަނީ ހަށިގަނޑު މޮޑިފައި ކުރުމަކީ އޭނާ ވަރަށް ކުރާހިތްވާ އަދި އެކަމަކަށް ދެވި ހިފާފައި ހުރި ކަމެއް ކަމަށެވެ. ނަމަވެސް އޭނާ އެކަން ކުރަނީ އެހެން މީހުން ކުރާ ގޮތަކަށް ނޫނެވެ. އޭނާގެ ހަށިގަނޑަށް ގެންނަ ގިނަ ބަދަލުތައް ފެންނަނީ އަމިއްލަ އަށެވެ.
އިންސާނެއްގެ ސޫރައިގައި ހަށިގަނޑު ހުރުމުން ހިތްހަމަނުޖެހިގެން ހަށިގަނޑަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މި މީހާ ފެށީ އުމުރުން 20 އަހަރުގަ އެވެ. އެގޮތުން އޭނާ ފުރަތަމަ ކުރި ކަމަކީ ދޫ ދެފަޅި ކުރުމެވެ. އަދި ކަންފަތުން ބަޔެއް ކަނޑާލައި އާދައިގެ އިންސާނުންގެ ކަންފަތް ހުންނަ ޝޭޕް ނޫން ޝޭޕަކަށް ބަދަލުކުރި އެވެ. އަދިވެސް އެނާ ހިތްހަމަޖެހޭ ވަރަށް ހަށިގަނޑަށް ބަދަލުތައް ގެނެވިފައި ނުވާ ކަމަށް އެމީހާ ބުންޏެވެ.